އިންޑިއާގައި މިހާރު ހިނގަމުންދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ބަންގްލަދޭޝްއިން ކަށަވަރުކޮށްފިއެވެ.
ބަންގްލަދޭޝްއިން ސެމީއަށް ދަތުރުކުރީ ގްރޫޕް ބީގައި މިއަދު ބޫޓާންއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗުން ލުބުނާނު އަތުން ބަލިވި ބަންގްލަދޭޝް މިމެޗުން މޮޅުވީ ފަހަތުން އަރާ 3 ލަނޑު ޖަހައިގެންނެވެ.
މިގޮތުން މެޗުގެ 12 ވަނަ މިނެޓްގައި ބޫޓާން ލަނޑެއް ޖަހާ ލީޑު ނަގާފައި ވަނިކޮށް މެޗުގެ 21 ވަނަ މިނެޓްގައި ބަންގްލަދޭޝްއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗުގެ 30 ވަނަ މިނެޓްގައި ބޫޓާންގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ބަންގްލަދޭޝްއަށް މެޗުގެ ލީޑު ލިބުނެވެ. ސްކޯލައިނުގެ ފަރަގު އިތުރަށް ބޮޑުވީ އޭގެ 6 މިނެޓް ފަހުން ބަންގްލަދޭޝްއިން ޖެހި ލަނޑާއެކުއެވެ.
މެޗުގެ ދެވަނަ ހާފްގައި ބޫޓާންއިން އިތުރު ހަމަލާތައް އުފެއްދި ނަމަވެސް މެޗު ނިމުނީ 3-1 އިން ބަންގްލަދޭޝް މޮޅުވެ މުބާރާތުގެ ސެމީއަށް ގޮސްގެންނެވެ. އެޓީމު ސެމީއަށް ދިޔައީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ 3 ޕޮއިންޓް ލިބި ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ސެމީގައި ބަންގްލަދޭޝް ވާދަކުރަން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ޓީމު ކުވައިތާއެވެ.
ބަންގްލަދޭޝް މިރޭގެ މެޗުން މޮޅުވުމުން މިވަނީ ރާއްޖެ މިމުބާރާތުން ކަޓާފައެވެ. ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅުވި ނަމަވެސް ބަންގްލަދޭޝް އަދި ލުބުނާނު އަތުން ބަލިވުމުން ރާއްޖެއަށް މިވަނީ ސާފްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.