ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވައިފިއެވެ.

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައްވައި އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަހުގީގުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ އެ ސަބަބާ ހެދި ކަމަށް އަލީ ވަހީދު ވިދާޅުވެއެވެ. ނަމަވެސް އެއީ ކޮން ސަބަބެއް ކަމެއް އޭނާ ސާފުކޮށެއް ނުދެއްވައެވެ.

މިއަދު ސްޕްރީމް ކޯޓުގައި ވަނީ ރައީސް ޔާމީންގެ ހުކުމްގެ އިސްތިއުނާފީ އަޑުއެހުން ފަށާފައެވެ. އަދި ކަފާލާތުގެ އުސޫލުން ރައީސް ޔާމީން ދޫކުރުމުގެ އިތުރަށް އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށްވެސް އެމަނިކުފާނުގެ ވަކީލުން ވަނީ އެދިވަޑައިގެންފައެވެ.

ޔާމީން ޝަރީއަތާ ގުޅުވައި އަލީ ވަހީދު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ސައްހަ ލިސްޓު ފެށެނީ މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލާ ހަމައިން ކަމަށާއި ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އޭނާއަށްވެސް އޮޅިވަޑައިނުގަންނަވާ ކަމަށެވެ. އަލީވަހީދު އިޝާރާތް ކުރައްވާ ލިސްޓަކީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ލިސްޓެވެ. އަދި ރެހެންދި ފްލެޓަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވި ފްލެޓެއް ކަމާއި އެ ފްލެޓުން ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ކަޅު ދަބަސް (ފައިސާ ދަބަސް) ގެންދިޔަ ކަމުގެ ތުހުމަތު އޮތީ ކުރެވިފައެވެ.

އޭނާ އިތުރަށް ވިދާލުވީ، އެމްއެންޕީއާރްސީ ހިޔާނާތާ ގުޅިގެން ހެކި ހުރި ކަމަށް ބުނާ ފޯނުތަކާއި ލެޕްޓޮޕް އިނގިރޭސި ތަހުގީގު ޓީމަށް ރައްދުކޮށްދިނީ ވެސް އޭނާއެވެ. އިނގިރޭސި ތަހުގޯގު ޓީމަށް ލިބުނު ފޯނުތަކުގެ ތެރޭގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ފޯން ހިމެނޭ ކަމަށް ބުނެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، "ޖަލަށް ލިޔަސް، މަރާލިޔަސް، އެއަޑު ކަނޑުވާނުލެވޭނެ" ކަމަށެވެ. އަލީ ވަހީދު ވަނީ މީގެ ކުރިން، މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ވާހަކައެއް ދައްކަވަން އުޅުއްވާ ކަމަށާއި އެ ވާހަކަ ދައްކަވާނެ ކަމަށާއި ރާއްޖެ އެނބުރި ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

"ސައްހަ ލިސްޓު ފެށެނީ އަދުގެ ޕްރޮސިކިއުޓާ ޖެނެރަލާ ހަމައިން. ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަހުގީގީ ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ."
އަލީ ވަހީދު

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށް ދައުވާތައް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފިލައިގެން ޔޫކަށްއަށް ވަޑަައިގެން އުޅުއްވަނިކޮށް ޔޫކޭގައި މިދިިޔަ މަހުގެ 25 ވަނަ ދުވަހު އޭނާ ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ދިވެހި ފުލުހުން އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ. އޭނާ ވިސާ ހަމަވެގެން ހައްޔަރު ކޮށްފައި ވަނީ އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ފުލުހުންނާއި އިންޓަޕޯލްއާއެކު މަސައްކަތްކުރަމުން ދަނިކޮށެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.

އަލީ ވަހީދަކީ ކުރިން ޑީއާރުޕީގައި އުޅުއްވުމަށް ފަހު، އެމްޑީޕީއަށް ވަޑައިގެން ކުއްލި މުއްސަނދިކަމެއް ހޯއްދެވި ބޭފުޅެކެވެ. އެ މުއްސަނދި ކަމުގައި މާލެއިން ގޯއްޗެއް ބައްލަވައިގަތް މައްސަލަ ފެންމަތިވުމުން އެއީ "ކިއްލި ވިއްކައިގެން" ގަތް ތަނެއްކަމަށް ބުނެ ވަނީ ވާހަކަ ދައްކާފައެވެ.