އަލީ ވަހީދުގެ މައްސަލަ "އޮއްބާލީ" ކުރީ ސަރުކާރުގެ ނުފޫޒުން ކަމަށާއި، ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މެމްބަރުންތަކެއްވެސް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާއިރު އެ ޕާޓީގެ ލީޑާޝިޕުން ހާއްސަކޮށް އަލީ ވަހީދުގެ މައްސަލަ އާ ގުޅޭ ގޮތުން އެއްވެސް ބަހެއް ބުނެފައިނުވާކަމަށް ޕީޕީއެމް/ޕީއެންސީގެ އިންތިހާބީ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ޕީޕީއެމް/ޕީއެންސީ އިން ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ހީނާ ވަނީ މިފަދަ ބޭފުޅުން މަޖިލީހަށް އައްޔަނުކުރުމަކީ މަޖިލީހަށް އިންތިހާބުވާ އަންހެނުންނަށްވެސް ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ މިކަމާ ގުޅޭ ގޮތުން އެމްޑީޕީ އިން ބަހެއް ނުބުނަނީ އެއީ ޕާޓީގެ އުސޫލާ އެއްގޮތް ކަމެއްތޯ ސުވާލުކުރައްވާފައެވެ. ހީނާ ވިދާޅުވީ ކޮވިޑް ދުވަސްވަރު މާގިރި ހޮޓަލާއި އަދި ބައެއް ރިސޯޓްތަކުގައި މިނިސްޓްރީގެ މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ގޯނާކޮށް އަނިޔާލިބުނު މުވައްޒަފުންގެ ދުލުން އެ ވާހަކަ އައްސަވާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކީރިތި ކުރެއްވުނު ކަމަށްވެސް އޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީއަށް އަރާފައިވާކަމަށެވެ.
ނަމަވެސް ހީނާ ވިދާޅުވީ އެ މައްސަލަ ކުރިއަށް ދަނިކޮށް އަލީ ވަހީދު ވީއައިޕީ ލައުންޗް މެދުވެރިކޮށް ފުރައިގެން ދިޔައީ ކަމަށާއި އެހެންކަމުން ދޭހަވަނީ އޭރުގެ ސަރުކާރުން މި މައްސަލަ އޮއްބާލަން އަލީ ވަހީދު ފުރުވާލީ ކަމަށެވެ.
އަލީ ވަހީދު ކޯޓަށް އައުމަށް އަމުރު ނެރުން ކަމަށާއި ނަމަވެސް އޭނާ ކޯޓަށް ހާޒިރުކުރެވޭ ގޮތް ނުވެ، އަމުރުވެސް ބާތިލުކުރި ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. ހީނާ އިތުރަށް ވިދާޅުވީ ދެން އަޑުއިވުނު ވާހަކަތަކަކީ މި މައްސަލައިގައި ހިމެނޭ ވިކްޓިމްސްތައް އަލީ ވަހީދާއި ދެކޮޅަށް ދިން ބަޔާން އަބުރާ ގެންދެވުމަށް ބޭނުންވި ވާހަކަކަމަށާއި އެހެންކަމުން ޕީޖީ އިން މައްސަލަ ނިންމާލި ވާހަކަ ކަމަށެވެ.
އަލީ ވަހީދު އިނގިރޭސިވިލާތުގައި ދެ އަހަރު ހުންނެވުމަށް ފަހު، އެނބުރި ރާއްޖެގެ ވަޑައިގެންނެވީ، އޭނާއަށް ދައުލަތުން ކުރި ދައުވާތައް ހެކި ނެތް ކަމަށް ނިންމުމާއި ގުޅިގެންނެވެ. އެބުރި ރާއްޖެ ވަޑައިގެން އަލީ ވަހީދު އެމްޑީޕީ އާއި ދެވަނަ ފަހަރަަށް ގުޅުނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައެވެ. އޭނާ މިހާރު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓު ކާމިޔާބު ކޮށްފައެވެ.
ބައްސާމް ކިޔާ މީހަކު އެމްއެމްޕީއާރުސީ ނާސިގެއަކަކަން ހަދައިގެން އުޅޭއިރުވެސް އަދިވެސް އޭނާ ހުރީ ވަޒީފާގައި، އެމްޑީޕީ އާއި އަލީވަހީދުގެ ވާހަކަ ދައްކަންވާނީ އަމިއްލަ ގައިންތާހިރުވެ ހުރެގެން