ބޭސް ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް ހައްޔަރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައިފިއެވެ.

އަލީ ވަހީދުގެ މައްސަލާގައި ވަކާލާތު ކުރި ލޯފާމުން ނެރުނު ބަޔާނުގައި ބުނީ އަލީ ވަހީދު ހައްޔަރުކުރީ އިނގިރޭސި ވިލާތުގެ އިމިގްރޭޝަން ގާނޫނާ ހިލާފު ކަމަށް ބުނެ ކަމަށެވެ.

އެ ލޯފާމުން ބުނީ ގާނޫނާ ހިލާފަށް އެ ގައުމުގެ ފުލުހުން މެދުވެރިކޮށް އަލީ ވަހީދު ހައްޔަރުކުރެވުމުގެ އަމަލަށް އިނގިރޭސި ސަރުކާރުގެ ފަރާތުން އޭނާގެ ކިބައިން މައާފަށް އެދިފައިވުމުގެ އިތުރުން ގާނޫނާ ހިލާފު އެ ހައްޔަރުގެ ސަބަބުން އަލީ ވަހީދަށް ލިބިގެންދިޔަ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20،000 ސްޓާލިން ޕައުންޑް އޭނާށް ދިނުމަށްވެސް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ކުރި ފަހުން ބޭސްފަރުވާ އަށް ކަމަށް ބުނެ، މާޗު 9، 2021 ގައި އިނގިރޭސިވިލާތަށް އަލީ ވަހީދު ވަނީ ވަޑައިގެންފައެވެ. އެއަށްފަހު ޝަރީއަތަށް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓު ފޮނުވި ނަމަވެސް ރާއްޖެއަށް ވަޑައިގެންފައި ނުވާތީ އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭރު ވިދާޅުވިއެވެ. އަދި އެއަށްފަހު އިންޓަޕޯލް ރެޑްނޯޓިސް ނެރެ ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އަލީ ވަހީދު އެކަމަށް ވަނީ އިންކާރު ކުރައްވާފައެވެ.

އެ ދައުވާތައް އަނބުރާ ގެންދެވުމާއެކު އަލީ ވަހީދު މާލެ ވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ.