ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އޭނާއާ ދެކޮޅަށް މުވައްޒަފުން ދީފައިވާ ބަޔާންތައް ލީކުކޮށްލައިފިއެވެ.
ނިމިގެން ދިޔަ ރައީސް އިބްރާހިމް ސޯލިހްގެ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ އަލީ ވަހީދު، އެ މަގާމުން ވަކިކޮށްފައިވަނީ އެ މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.
އެ މައްސާލާގައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ، ރޭޕް ކުރަން އުޅުމުގެ ދައުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ، ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.
އެ ދައުވާތައް ކުރި ފަހުން ބޭސްފަރުވާ އަށް ކަމަށް ބުނެ، މާޗު 9، 2021 ގައި އިނގިރޭސިވިލާތަށް އަލީ ވަހީދު ވަނީ ވަޑައިގެންފައެވެ. އެއަށްފަހު ޝަރީއަތަށް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓު ފޮނުވި ނަމަވެސް ރާއްޖެއަށް ވަޑައިގެންފައި ނުވާތީ އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭރު ވިދާޅުވިއެވެ. އަދި އެއަށްފަހު އިންޓަޕޯލް ރެޑްނޯޓިސް ނެރެ ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އަލީ ވަހީދު އެކަމަށް ވަނީ އިންކާރު ކުރައްވާފައެވެ.
ހެކި ނެތް ކަމަށް ބުނެ އެ ދައުވާތައް ކުރިއަށް ނުގެންދިއުމަށް މިދިޔަ ޖުލައި މަހުގެ 6 ވަނަ ދުވަހު ޕީޖީއިން ނިންމުމާ ގުޅިގެން އަލީ ވަހީދު ވަނީ އެ މަހުގެ 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެންފައެވެ.
ރާއްޖެ ވަޑައިގެން އަލީ ވަހީދު އެމްޑީޕީ އާއި ދެވަނަ ފަހަރަަށް ގުޅިވަޑައިގަތީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައެވެ. 7 އަހަރަށް ފަހު އެމްޑީޕީ އާއި ގުޅިވަޑައިގެން އަލީ ވަހީދު ވަނީ ރިޔާސީ އިންތިހާބު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ކާމިޔާބުކޮށް ދިނުމަށް އެމްޑީޕީއާއެކު ގިނަ މަސައްކަތްތެކެއް ކުރައްވާފައެވެ.
އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ އަލީ ވަހީދާ ދެކޮޅަށް މުވައްޒަފުން ދީފައިވާ ބަޔާންތައް ލީކުކޮށްލާފައިވަނީ އެކްސްގައެވެ. އަދި އެ ބަޔާންތަކަކީ ސައްހަ ބަޔާންތަކެއްކަން ވެސް ވަނީ އެނގިފައެވެ.
އެ ބަޔާންތައް ލީކުވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އެކަމަށް ރައްދުދެއްވާ އަލީ ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން ކާޅަށް ކޮށާ ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށާއި ބުނި ބުންޏަށް ފްރޭމްކޮށް ދިން އަނިޔާއާ ލަކުނު އަދި ނުފިލާ ކަމަށެވެ. އަދި ނަޔާ ކުޅުދުއްފުއްޓެއް ކާމިޔާބު ކުރާނީ ނުހަނު ލޯތްބާއެކު ކަމަށާއި އެކަން އެ ކުރަނީ ކާކު ކީއްވެކަން އެނގޭ ކަމަށް ވެސް އަލީ ވަހީދު ވަނީ ބުނެފައެވެ.
މިހާރުތީ ސާފު ހުދު ފޮތިކޮޅަކަށް ސިޔާސީ މީހުން ބެލިޔަސް ތީހަމަ ހައްޕުނޑު. އަމިއްލަ ރަށުގެ ދާއިރާއަށް ނޫނީ އަންހެނުންގެ ރަށު ދާއިރާއަށް ކުރިމަތިލީނަމަ ތީ ކިހާފެންފަރުގެ މީހެއްކަން އެނގުނީސް.