ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި ގާސިމް އިބްރާހީމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންނެވި އިރު އެޕާޓީގައި އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ރިޔާޒު ރަޝީދު ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށެވެ.
އެ ޕާޓިއިން ވަކިވެވަޑައިގެންކަން އިއުލާނު ކުރައްވާ އަލީ ވަހީދު ވިދާޅުވީ ގާސިމް އަރިހުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށާއި އިއްޔެ އެ ޕާޓޯއިން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ދިވެހި ގައުމާއި ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް ދެން ވަޑައިގެން އަރުއްވާނެ ކޮޅެއް އޭނާ ހާމަ ކުރައްވާފައެއް އަދި ނުވެއެވެ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައި ވާއިރު އެ ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާ ގާސިމްގެ އެޑްވައިޒަރު ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވަނީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.
ހާއްސަ މަޖިލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވެސް ގިނަ އިސްލާހީ މަސައްކަތްތަކެއް ރައީސް ސޯލިހްއާއެކު ކުރައްވާފައި ވާކަން ފާހަގަ ކުރައްވާ ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ތާއީދު ކުރައްވާނީ ރައީސް ސޯލިހަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީން ވާދަ ކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންފައި ވަނީ، 5460 ވޯޓެވެ. 22،607 މެންބަރުން ތިބި ޕާޓީއަށް އެހާ ދަށުން ވޯޓު ލިބުމުން ފާޑުކިޔުންތައް އަމާޒު ވި ނަމަވެސް، ދެވަނަ ބުރުގައި ގާސިމް އާ އެކު ކޯލިޝަން ހެދުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުންވެސް ވަނީ ގާސިމްއަށް ހުށަހަޅާފައެވެ.
ނަމަވެސް ކޯލިޝަން ހަދައިގެން 3 ފަހަރުމަތިން ވެސް ލިބިވަޑައިގަތީ ހިތި ނަތީޖާ ކަމަށް ވިދާޅުވެ، މި އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ގާސިމް ވަނީ ނިންމަވާފައެވެ.