ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ބޭއްވި އިންތިހާބުގައި އަލީ ވަހީދަށް 245 ވޯޓު ލިބިވަޑައިގެންނެވި އިރު، މި އިންތިހާބުގައި ދެން ވާދަކުރެއްވި އިބްރާހިމް ރަމީޒަށް ލިބިފައިވަނީ 30 ވޯޓެވެ. އަދި އިންތިހާބުގައި ވާދަކުރި އަހްމަދު އާތިފަށް ވަނީ 112 ވޯޓު ލިބިފައެވެ،

ނިމިގެން ދިޔަ ރައީސް ސޯލިހްގެ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ އަލީ ވަހީދު، އެ މަގާމުން ވަކިކޮށްފައިވަނީ އެތަނުގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ. އަދި އެ މައްސަލަ ތަހުގީގުކުރަން ފެށުމާ އެކު، އަލީ ވަހީދު ވަނީ އޭނާގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކޮށްފައެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި ދެ އަހަރު ހުންނެވުމަށް ފަހު، އެނބުރި ރާއްޖެގެ ވަޑައިގެންނެވީ، އޭނާއަށް ދައުލަތުން ކުރި ދައުވާތައް ހެކި ނެތް ކަމަށް ނިންމުމާއި ގުޅިގެންނެވެ. އެބުރި ރާއްޖެ ވަޑައިގެން އަލީ ވަހީދު އެމްޑީޕީ އާއި ދެވަނަ ފަހަރަަށް ގުޅުނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައެވެ. 07 އަހަރަށް ފަހު ދެވަނަ ފަހަރަށް އެމްޑީޕީ އާއި ގުޅުނު އަލީ ވަހީދު ވަނީ ރިޔާސީ އިންތިހާބު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ކާމިޔާބުކޮށް ދިނުމަށް އެމްޑީޕީ އާއި އެކު ގިނަ މަސައްކަތްތެކެއް ކުރައްވާފައެވެ.

މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މަޖިލީސް މެންބަރުކަން ކުރައްވާފައިވާ އަލީ ވަހީދަކީ އޭނާގެ 'ދޫފަރިތަކަމާ' އެކު މަޖިލީހުގައި ދައްކަވާ ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި މެންބަރެކެވެ.