ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ގަބުރުތައް، ދިވެހިރާއްޖޭގައި ވަޅުލަން ފުރުސަތު ދިނުމާ ގުޅޭ އަޑުތައް ފެންމަތިވެފައި ވާއިރު، މި ފަދައިން މިކަން ކުރުމަށް ފުރުސަތު ދިނުމަކީ، ލަންކާގައި މުސްލިމުން އިތުރަށް ނިކަމެތި ވެގެންދާނެ ކަމެއް ކަމަށް ސިފަކޮށް، ލަންކާގެ މުސްލިމުންގެ ހައްގުގައި ވަކާލާތު ކުރާ ޖަމިއްޔާތަކަކުން ދިވެހި ސަރުކާރަށް ވަރުގަދަ މެސެޖެއް ދޭ ލިޔުމެއް ފެންމަތިވެއްޖެއެވެ.

އެކި ފަރާތްތަކުން ދަ ޕްރެސްއާ ހިއްސާކޮށްފައިވާ ސްކްރީންޝޮޓްތަކުން ފެންނަ މި ލިޔުމަކީ، ލަންކާގެ މުސްލިމުންގެ ހައްގުގައި އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ 18 ޖަމިއްޔާއަކުން ސޮއިކޮށް، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު ޑރ ފަރަހަނާޒް ފައިސަލްއަށް ފޮނުވާފައިވާ ލިޔުމެކެވެ.

މައިގަނޑު 9 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މި ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ސްރީލަންކާގެ ތަޖުރިބާކާރުންގެ ޓީމުން ވަކާލާތު ކުރާ ފަދައިން ކޮވިޑްގައި މަރުވާ މީހުންގެ ގަބުރަކީ ބައޮލޮޖިކަލް ހަތިޔާރެއްކަން ނުވަތަ ވަޅުލުމުން ފަސްގަނޑު ތެރެއިން ވައިރަސް ފެތުރޭ ކަމުގެ ހެކި، ސައެންސްގެ އަލީގައި ސާބިތުކޮށްދެވިފައި ނުވާ ކަން ފާހަގަކޮށްފައިވެއެވެ.

ލަންކާގެ ފްރަންޓްލައިން ހިދުމަތްތެރިންނާ ސަލާމަތީ ބާރުގެ އޮފިޝަލުންތަކެއް / ފޮޓޯ: ދަ ނޭޝަނަލް

ކޮވިޑްގައި މަރުވާ މީހުންގެ ގަބުރުތައް ސްރީލަންކާގައި ނައްތާލަނީ އަންދައިގެންނެވެ. އުމުރުން އެންމެ 20 ދުވަހުގެ ތުއްތު ކުއްޖެގެ ގަބުރު އަނދާލި އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. މައްޔިތާގެ ކަށުކަމާ ކެމީގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ވަކި އުސޫލެއް އިސްލާމް ދީނުގައި ކަނޑައެޅިގެން ބަޔާންވާ ހިނދު، މި އުސޫލުން ގަބުރު އެންދުމާ ދެކޮޅަށް ސްރީލަންކާގައި ސިލްސިލާ މުޒާހަރާތައް ދަނީ ކުރިއަށެވެ.

މިކަމަށް ހައްލެއް ހޯދުމަށް ލަންކާ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އެދިވަޑައިގަތުމަށް ދިވެހިރާއްޖޭގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ދިވެހި ހާރިޖިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. ކަން މިހެން އޮތް އިރު، މި މައްސަލާގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

ލަންކާ މުސްލިމުންގެ ހައްގުގައި އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ހައިކޮމިޝަނަރު ޑރ ފަރަހަނާޒްއާށް ފޮނުވާފައިވާކަމަށް ބުނެ ދައުރުވާ ލިޔުމުގައި، ރާއްޖެއިން މިފަދަ ކަމެއްގައި އެހީވުމަށް ތައްޔާރަށް އޮތަތީ އެކަމާ ޝުކުރުވެރިވާކަން ފާހަގަކޮށްފައި ވެއެވެ. ނަމަވެސް ކޮވިޑް-19ގައި މަރުވާ ގަބުރު، ގައުމުން ބޭރު ކުރުމަކީ ލަންކާގެ އާންމު މުޖުތަމައަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަންވެސް ފާހަގަކޮށްފައެވެ.

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ގާޑުންތަކެއް ޗެކްޕޯސްޓެއްގައި ހަރަކާތްތެރިވަނީ/ފޮޓޯ: އިންކުއަރާ

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު، ބިދޭސީ ފަސްގަނޑެއްގައި ވަޅުލުމަކީ، އެ ގައުމުގެ މުސްލިމުންނަކީ "ބޭރު ބައެއް" ކަމަށް ތުހުމަތުކޮށް އިލްޒާމު އަމާޒު ކުރާ ފަރާތްތަކުގެ ދައުވާއަށް ދެވޭ އިތުރު ހިތްވަރެއް ކަމުގައިވެސް މި ލިޔުމުގައި ފާހަގަކޮށްފައިވާތީ ފެނެއެވެ. ބޭރު ގައުމަކުން، މިކަމުގައި ލަންކާ ސަރުކާރަށް އެއްބާރުލުން ދިނުމަކީ، ލަންކާގައި މުސްލިމުންގެ ހައިސިއްޔަތު ދެމެހެއްޓުމަށް ކުރަމުން އަންނަ ބުރަ މަސައްކަތަށް އެޅޭ ހުރަހެއް ކަމުގައިވެސް ވަނީ ފަހާގަކޮށްފައެވެ.

މި އަމަލަކީ، ފޮރުވިފައިވާ އެޖެންޑާއެއްގެ ދަށުން، ލަންކާ ސަރުކާރުން ހިންގާ ސިޔާސީ ޕްލޭނެއް ކަމަށާ، މިފަދަ ކަމަކަށް އެއްބާރުލުން ދިނުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދިއުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް ދަންނަވާ ދިނުމަށްވެސް އެ ލިޔުމުގައި ޑރ ފަރަނަހާޒްގެ ކިބައިން އެދިފައިވެއެވެ.

ލަންކާ ރައްޔިތުންގެ ހައްގުގައި އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ޑރ ފަރަހަނާޒް ފައިސަލްއަށް ފޮނުވި ކަމަށް ބުނާ ލިޔުން

މި ލިޔުމަކީ ސައްހަ ލިޔުމެއްތޯ ކަށަވަރު ކުރުމަށް ދަ ޕްރެސްއިން ދިވެހި ހާރިޖިއްޔާއާ ސުވާލު ކުރުމުން، އެ ވުޒާރާއިން ބުނީ، މިކަމާ ގުޅިގެން މިވަގުތު އެއްވެސް އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

ސްރީލަންކާއިން ވަނީ، ކޮވިޑް-19ގައި މަރުވާ މުސްލިމުންގެ ގަބުރު އަންދަމުން ދިޔަ ދިއުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ. އަދި މުސްލިމުން ވަޅުލުމަށް، ކޮންކްރީޓް ވަޅުތަކެއް ތައްޔާރު ކުރުމުގެ ޕްލޭނެއް ހުށަހެޅުމަށް ތައްޔާރު ވާ ކަމުގެ ހަބަރު ވަނީ ލިބިފައެވެ.