އަވަށްޓެރި ސްރީލަންކާ އަށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދިނުމާ ގުޅޭ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ސްރީލަންކާ އަށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދިނުމާ ގުޅޭ މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުން ފާސްކުރީ އެކަމަށްޓަކައި މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ.

އެ މުއާހަދާގައި ބައިވެރިވުމާ ގުޅޭ ގޮތުން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، ރާއްޖެ އާއި ސްރީލަންކާގެ ދުވަސްވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ބޭނުމަށް އެކުލަވާލި މުއާހަދާގައި ބައިވެރިވުމަށް ފެންނަ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މި މުއާހަދާ އަށް އަމަލުކުރުމާ މެދު ގޮތެއް ނިންމުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުން އިލްތިޒާމްތަކެއް އުފުލަން ޖެހޭ ފަދަ ހާލަތްތަކެއް ކުރިމަތިވެދާނެ ފަދަ މުއާހަދާތަކަށް ސަރުކާރުން އަމަލުކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

މި މުއާހަދާގެ ދަށުން، ޖިނާއީ ކުށްތައް ހުއްޓުވުމަށާއި އެ ގައުމެއްގެ ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނާއި މުއާހަދާގެ މާއްދާތަކުގައިވާ ގޮތުގެ މަތިން، ޖިނާއީ މައްސަލަތަކުގައި ދެވެން އޮތް މިންވަރަކުން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ދޭން ޖެހޭނެއެވެ. އޭގެ ތެރޭގައި މައްސަލަތައް ތަހްގީގުކޮށް ޝަރީއަތް ހިންގުމުގަ އާއި މައްސަލަތައް ނިމުމުން ހިނގާ ކަންކަމުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.