ރާއްޖެ އާ އަވަށްޓެރި ސްރީލަންކާ އާ ދެމެދު ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މުއާހަދާގައި ބައިވެރިވުމާ މެދު މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި މައްސަލަ ދިރާސާކުރުމަށް ފޮނުވި މައްސަލަ ދިރާސާކުރުމަށް، ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީގައި ވިދާޅުވީ ރާއްޖެ އާއި ސްރީލަންކާ އާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ބޭނުމަށް އެކުލަވާލި މުއާހަދާ އާ ގުޅޭ ގޮތުން މިދިޔަ މަހުގެ ދެވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު ރާއްޖޭން މި މުއާހަދާގައި ބައިވެރިވުމަށް ފެންނަ ކަމަށް ވަޒީރުން ނިންމަވާފައިވާ ކަމަށެވެ.

އެހެންކަމުން މި މުއާހަދާ އަށް އަމަލުކުރުމާ މެދު ގޮތެއް ނިންމުމަށް ރައީސް ވަނީ މަޖިލީހުގައި އެދިވަޑައިގެންފައެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުން އިލްތިޒާމްތަކެއް އުފުލަން ޖެހޭ ފަދަ ހާލަތްތަކެއް ކުރިމަތިވެދާނެ ފަދަ މުއާހަދާތަކަށް ސަރުކާރުން އަމަލުކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

މި މުއާހަދާގެ ދަށުން، ޖިނާއީ ކުށްތައް ހުއްޓުވުމަށާއި އެ ގައުމެއްގެ ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނާއި މުއާހަދާގެ މާއްދާތަކުގައިވާ ގޮތުގެ މަތިން، ޖިނާއީ މައްސަލަތަކުގައި ދެވެން އޮތް މިންވަރަކުން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ދޭން ޖެހޭނެއެވެ. އޭގެ ތެރޭގައި މައްސަލަތައް ތަހްގީގުކޮށް ޝަރީއަތް ހިންގުމުގަ އާއި މައްސަލަތައް ނިމުމުން ހިނގާ ކަންކަމުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.