ގިނަ ދާއިރާތަކުން ސްރީ ލަންކާއާއި ދިވެހިރާއްޖެ ގުޅިގެން މަަސައްކަތް ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ސްރީލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީ މަޝްވަރާކުރައްވައިފިއެވެ.
މިމަހުގެ 3 އިން 6 އަށް ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ މި ދަތުރުފުޅަކީ ސްރީލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ސްރީލަންކާގެ ފޮރިން މިިނިސްޓަރާ ބައްދަލުކުރައްވާ ޒަމީރު ވަނީ ދިވެހިރާއްޖޭގެ ތަރައްގީއަށް ސްރީލަންކާއިން ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވާ ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރެއްވާފައެވެ. އަދި ދެ ގައުމުގެ އިގްތިސާދު ކުރިއެރުވުމާއި ތައުލީމާއި ވިޔަފާރި އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމަށް ދެ ގައުމުން ވެސް ބަރޯސާވާއިރު، ދެ ގައުމުގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވަނީ މަޝްވަރާކުރެއްވާފައެވެ. މީގެއިތުރުން ރާއްޖެ އާއި ލަންކާ އިން ސަލާމަތާއި ދިފާއީ ދާއިރާގައި މިހާރު ވެސް ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެމުންދާއިރު، ދެ ގައުމުގެ ކަމާގުޅޭ އިދާރާތަކަށް ތަމްރީނުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ދެ ގައުމުގެ ތެރޭގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ހިމެނޭކަމަށާއި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި މިހާރަށް ވުރެ ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ދެ ފަރާތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޒަމީރު ސްރީލަންކާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެ މިނިސްޓްރީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.