ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީންނަށް މިހާރު ވެސް އޮންނަ ހެން ފަހިކޮށް ލިބޭނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ދީފިއެވެ.

ގިނަ ދިވެހީން އާންމުކޮށް ގޮސް އުޅޭ ސްރީލަންކާގެ ޓޫރިސްޓް ވިސާގެ ބައެއް އިންތިޒާމްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެ ބަދަލުތައް ހިއްސާކޮށް ނެރުނު ކުރު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ، ސްރީލަންކާގައި އާ އީ ވިސާ ސިސްޓަމެއް ތައާރަފް ކުރެވި، އެ ސިސްޓަމުން ހިދުމަތް ދޭނެކަން އެ ގައުމުން އިއުލާނުކުރުމާ އެކު، ސްރީލަންކާ އަށް ދަތުރުދާ ދިވެހީންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމާ މެދު އެ ގައުމުގެ ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިހާރު އޮންނަ ގޮތުން ނަމަ، ސްރީލަންކާ އަށް ދެވުމާއެކު:

  • ދިވެހީންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ އެއް ލިބޭ
  • ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ދިވެހީންނަށް އޮންލައިންކޮށް ވިސާ އިތުރުކޮށްދޭން ހުށަހެޅޭނެ

ފޮރިން މިނިސްޓްރީން ވަނީ، ސްރީލަންކާ އަށް ދާން އެދޭ ދިވެހީން މިނިސްޓްރީ އަށް ގުޅައިގެން ކުރިއަށް ދިއުމަށާއި، ނުވަތަ އެ ގައުމުގައި މިވަގުތު ތިބި ދިވެހީންގެ ތެރެއިން ވިސާ އިތުރުކުރަން ބޭނުންވާ ދިވެހީން ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ގުޅައި ކުރިއަށް ދާން އެދިފައެވެ.