ހަތަރު ދުވަހުގެ ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަވަށްޓެރި ސްރީލަންކާ އަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކުރި މައުލޫމާތުގައި ބުނީ، ސްރީލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީގެ ދަޢުވަތަކަށް ޒަމީރު ލަންކާއަށް ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޒަމީރުގެ މި ދަތުރުގައި ސަބްރީގެ އިތުރުން، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ބޮޑުވަޒީރު ދިނޭޝް ގުނާވަރުދެނާ އާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ދެކެވި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްވަރާތަކުގެ ތެރޭގައި ސްރީލަންކާގައި މިވަގުތު ދިރިއުޅެމުންދާ ދިވެހީންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުން ހިމެނޭކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޒަމީރު ސްރީލަންކާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެ މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.