ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް އާއި ދަރިކަލުންނާ ގުޅުވައިގެން ދެއްކެވި ވާހަކަތައް ޖުމްހޫރީ ޕާޓީން ދޮގުކޮށްފިއެވެ.

ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވަނީ ގާސިމް އާއި އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ގާސިމް ލީޑަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީން ބުނީ ޔާމީން ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތަކާއި ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ގާސިމަށް މިފަދަ ތުހުމަތުތަކެއް ޔާމީން ކުރެއްވިއިރު އެ އިންޓަވިއުގައި ޔާމީން ވަނީ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން މައުމޫން އޭރު ޖަލަލަށްލީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަން ފާހަގަކޮށް ޔާމީން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ނަމަވެސް ފުލުހުން ގޮސް މޮބައިލް ފޯނު ދިނުމަށް އެދުމުން ފޯނެއް ނުގެންގުޅުއްވާ ކަމަށް މައުމޫން ވިދާޅުވި ކަމަށެވެ.

އެ ވާހަކަތައް މައުމޫންގެ އޮފީހުން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އެއީ އެއްވެސް އަސްލެއް ވާހަކަތަކެއް ނޫން ކަން ފާހަގަކޮށް އެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުންހެން ހައްޔަރު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އާއި ދަރިކަލުން ސިޔާދު އާއި މައުމޫން އަދި އެމަނިކުފާނުގެ ދަރިލަކުން ފާރިސް ވެސް ހިމެނިވަޑައިގަންނެވައެވެ.