ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެ ނަމުގައި 50،000 ރުފިޔާ ދޭނަމޭ ބުނެ ސްކޭމެއް ޖައްސަމުންދާކަމަށް ބުނެ ސަމާލުވާން އެދެފިއެވެ.

މިކަމާ ގުޅޭގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ގާސިމްގެ ނަމުގައި ރަމަދާން ކޭޝް ސަޕޯޓު ގޮތުގައި ހުރިހާ ބަލިކަށި ހައުސްހޯލްޑްސް އަށް ފަންސާސް ހާސް ރުފިޔާ ލިބޭކަމަށް ބުނެ ފަތުރާ މެސެޖަކީ ސްކޭމް މެސެޖެއްކަމަށެވެ.

"މިފަދަ ސްކޭމަރުންގެ ސަބަބުން އެތަށްބައެއްގެ ވަގުތުބޭކާރުވެ، އެތަށްބަޔަކަށް ދެރަ ނިކަމެތި ގޮތްދިމާވަމުންދެއެވެ. އެހެންކަމުން މިފުރުސަތުގައި ރައްޔިތުންގެ ސަމާލު ކަމަށްޓަކައި މި މައުލޫމާތު ހިއްސާކޮށްލަމެވެ. މިފަދަ ނޭންގާނީ އަމަލުތަކުން ދިވެހި މުސްލިމު މުޖުތަަޢު ސަލާމަތް ކުރައްވާށިއެވެ."
ގާސިމް

އަދި މިފަދައިން އެކި މެސެޖްތައް ވަޓްސްއެޕް ގުރޫޕްތަކުގެ އިތުރުން ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި ގާސިމްގެ އޭއައި ފޮޓޯ ޖަހައި ސުވާލު ލިންކަކާއެކު ފަތުރަމުންދާ ކަމަށް ގާސިމް ފާހަގަ ކުރެއްވިއެވެ. ގާސިމް ވިދާޅުވީ މިއީ ގާސިމް އާ އެއްވެސް ގުޅުމެއް ނެތް ސައްހަ ނޫން މުއާމަލާތެއްކަމަށެވެ.

ގާސިމް ވިދާޅުވީ މިފަދަ ސްކޭމަރުންގެ ސަބަބުން އެތައް ބައެއްގެ ވަގުތު ބޭކާރުވެ، އެތައް ބަޔަކަށް ދެރަ ނިކަމެތި ގޮތް ދިމާވަމުންދާކަމަށެވެ. މިހެންކަމުން މިފަދަ ކަންކަމަށް ސަމާލުވާން ގާސިމް އެދިލެއްވިއެވެ.