މައި ދެ އިންތިހާބު ކަމަށްވާ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއިދު ކުރައްވާ ކަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހާމަ ކުރައްވައިފިއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

މި ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެއްބަސްވަމުންދިޔަ ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. މި ވޯޓާއި ގުޅިގެން ހިޔާލު ތަފާތުވެފައިވާ މި ދަނޑިވަޅުގައި ގާސިމް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

އެގޮތުން 2008 ގެ ރިޔާސީ އިންތިހާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.

މިގޮތުން ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާ ކަމީ ހަގީގަތެއް ކަމަށް ސިފަ ކުރައްވާ ގާސިމް ވިދާޅުވީ، 2019 އަދި 2023 ގެ އިންތިޚާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށެވެ.

"އެހެންކަމުން މިހާރު މިއޮތް ގޮތުން ރައްޔިތުން ފަސް އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރާފަރާތަށް މިޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް އެކަމުގައި ހޭދަކުރާށެވެ. އަދި މީގެ އިތުރުން މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސް އަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވޭ"
ގާސިމް

އެހެންކަމުން ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ. އަދި ހަމަ އެހެންމެ ކައުންސިލް އިންތިހާބުގެ ވޯޓާއި އެކު އޮންނަ ރައްޔިތުންގެ "ފެންނަނުފެންނަ" ވޯޓުގައި ރައްޔިތުން އެގޮތަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ވެސް ގާސިމް އެދިވަޑައިގެންފައި ވެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިހާބު ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުންވެސް ރައްޔިތުންނަށް ކަމަށާއި ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަންއަށް ވުރެ ގިނަފައިސާ ސަލާމަތްކުރެވުމާއި، އެފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރުމަށް ފުރުސަތު ލިބިގެންދިއުމާއި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިހާބާއި ގުޅުންހުންނަ ކަމަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިކަމާ ދެކޮޅު ހަދާ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް އިދިކޮޅުން ފާހަގަ ކުރަމުންދަނީ އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ، ރިޔާސީ ދައުރު ދަންމާލުމަށް މަގުފަހިވާނެ ކަމަށް ބުނެއެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނަމަ، ރައްޔިތުން އެކަމަށް ހޭލުންތެރިވެ، ގޮތް ނިންމުމަށް އެކަށީގެންވާ ވަގުތު ވެސް އެންމެ ކުޑަމިނުން ނުލިބޭ ކަމަށް ބުނެ އެ ޕާޓީން ދަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމުންނެވެ.

އަދި ފެންނަ ނުފެންނަ ވޯޓު ބޭއްވުމަށް ވުރެ ސިޔާސީ މުވައްޒަފުން މަދުކުރުމުން ދައުލަތުގެ ހަރަދު ކުޑަވާނެ ކަމަށް އެ ވޯޓާ ދެކޮޅަށް މަސައްކަތްކުރާ އިދިކޮޅުން ބުނެފައި ވެއެވެ.