ވިޔަފާރިވެރިޔާ އަދި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އދ. މާމިނގިލީގައި ބިނާކޮށްދެއްވި މިސްކިތް މިއަދު ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގާސިމް އިބްރާހިމްއެވެ. މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި އޮނަރަބަލް ގާސިމް އިބްރާހިމާއި، މާމިނގިލީގެ ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވެލައްވާފައިވެއެވެ.

މި މިސްކިތް ހުޅުވައިދެއްވައި، މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ވަޒީރު ޝަހީމެވެ.

800 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތެކެވެ. މީގެ އިތުރުން މިސްކިތުގައި އޭސީގެ ނިޒާމު ގާއިމްކޮށްފައިވެއެވެ.

ގާސިމް މާމިގިލީގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށްފަހު އިސްލާމިކް މިނިސްޓަރާއި ދެ ބޭފުޅުން މިސްކިތައް ވަދެވަޑައިގަންނަވަނީ

ގާސިމް އިބްރާހިމްގެ އުފަން ރަށުގައި ބިނާ ކުރެއްވި އެ މިސްކިތަށް ނަންދީފައިވަނީ "މަސްޖިދު އިބްރާހިމް"ގެ ނަމުންނެވެ.

ސަރުކާރުގެ ހަރަދުގައި އިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ޢިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރޯމަ މަހަށް 15 މިސްކިތެއް ވަނީ ހުޅުވައިފައެވެ.