ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީއެންސީގެ ކެނޑިޑޭޓް މޫސާ ޖަލީލަށް ތާއިދުއޮތްކަން މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހާމަކުރައްވައިފިއެވެ.

މޫސާ ޖަލީލުއަށް ތާއިދު އޮތްކަން ހާމަކުރައްވައި ގާސިމް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫސާ ޖަލީލަކީ، ގައުމީ ހިދުމަތުގެ ފަހުރުވެރި ރެކޯޑްތަކެއް އޮތް އަދި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަތަލެއް ކަމަށެވެ.

އެގޮތުން މޫސާ ޖަލީލުއަކީ ގައުމީ ޝަރަފް އަރުވާފައިވާ، ނިޝާން އަސްކަރީގެ އިއްޒަތުގެ ވެރިއެއް ކަމަށާއި ހަމައެކަނި ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އޭނާގެ ގަދަފަދަ ގައުމީ އަޒުމް ސާބިތުކޮށްދޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

‏"އޭރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށް. ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު. ފަސްބައިގައި ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަހްސިއްޔަތެއް،" ގާސިމް ވިދާޅުވިއެވެ.

އަދި ޖަލީލަށް ތައުރީފް ކުރައްވާ ގާސިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަގާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި، ގާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަމަށެވެ. އެހެންކަމުން މާލޭގެ މޭޔަރުކަމަށް މޫސާ ޖަލީލު އިންތިހާބުކުރަން ވޯޓު ދިނުމަށް ގާސިމް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީން ވަނީ ނިންމާފައެވެ. އެގޮތުން ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.