ސްރީލަންކާ މީހުންނަށް ރާއްޖެއިން 3 މަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށާފައިވާކަމަށް އިމިގްރޭޝަނުން ބުނެފައެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޮންއެރައިވަލް ވިސާ ދޭން ނިންމާފައިވަނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ލަންކާއަށް ދާ ދިވެހިންނަށް 3 މަހުގެ އޮން އެރައިވަލް ވިސާ ދެމުން އަންނަކަމަށާއި، މި ނިންމުންތަކުން ދައްކުވައިދެނީ ރާއްޖެއާއި ލަންކާގެ ޒަމާންވީ ގާތް ގުޅުން ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ސްރީލަންކާއިން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދިނުމަށްވެސް ވަނީ ނިންމާފައެވެ. ބޭރުގެ ނޫހެއް ކަމުގައިވާ އެކޮނޮމީ ނެކްސްޓުގައި ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތް ހެރަތާއި ހަވާލާދީ ބުނެފައިވަނީ މިހާތަނަށް ދިވެހިންނަށް ދޫކުރަމުން އައިސްފައިވަނީ ކުރު މުއްދަތުގެ ވިސާ ކަމަށާއި، ނަމަވެސް އަންނަ މަހުން ފެށިގެން ދިގު މުއްދަތަށް ވިސާ ދޫކުރަން ފަށާނެ ކަމަށެވެ. ދިގު މުއްދަތައް ދޫކުރާ ވިސާގައި އެއް އަހަރު ވަންދެން ދިވެހިންނަށް އެ ގައުމުގައި ދިރިއުޅެވޭނެ ކަމަށް އެކޮނޮމީ ނެކްސްޓުގައި ބުނެފައިވެއެވެ.

މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަަކަށް ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފައިވާއިރު، މި ދަތުރުފުޅާއި ގުޅިގެން ރައީސް މުއިއްޒު ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ލަންކާއަކީ ދިވެހިންގެ މެދުގައި މަގުބޫލު ގައުމަކަށްވާއިރު، ބޭސްފަރުވާއަށާއި އަދި އެހެނިހެން ދަތުރުތަކުގައިވެސް ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ދެއެވެ.