ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގަައި ގާއިމުކޮށްފައިވާ އީ-ގޭޓުގެ ހިދުމަތް، ދިވެހިންގެ އިތުރުން ބޭރުގެ ދަތުރުވެރިންނަށް ވެސް ބޭނުންކުރެވޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ރަސްމީކޮށް ފުޅާކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ތަސައްވުރާ އެއްގޮތަށް، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަލުވިކޮށް ލުއިފަސޭހަކުރުމުގެ މަގުސަދުގަައި ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ، އަލީ އިހްސާންގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގަައި، ވީއައިއޭ ގަައި ޖުމްލަ 35 އީ-ގޭޓް ވަނީ ގާއިމުކޮށްފައެވެ. މީގެތެރޭގަައި އެރައިވަލްގަައި 20 ގޭޓް އަދި ޑިޕާޗާގަައި 15 ގޭޓް ހިމެނެއެވެ. މީގެކުރިން ހަމައެކަނި އިލެކްޓްރޯނިކް ޕާސްޕޯޓުގަައި ދަތުރުކުރާ ދިވެހިންނަށް ހާއްސަކޮށްފައިވާ މި ހިދުމަތް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމާއެކު، މުޅި ދެކުނު އޭޝިއާ ސަރަހައްދުގަައި ވެސް މިހަައި ފުޅާ ދާއިރާއެއްގަައި ބޭރުގެ ދަތުރުވެރިންނަށް އޮޓޮމޭޓެޑް ސީމްލެސް އިމިގްރޭޝަން ކްލިއަރެންސް ދޭ ފުރަތަމަ ގައުމުގެ ޝަރަފު ދިވެހިރާއްޖެއަށް މިވަނީ ލިބިފައެވެ.
ދުވާލަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރާ ރާއްޖެ ފަދަ ގައުމަކަށް މިއީ އިމިގްރޭޝަން ކްލިއަރެންސަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަކުރުމަށް ލިބުނު ވަރަށް މުހިންމު ހައްލެކެވެ. އެގޮތުން، މި ހިދުމަތް ފެށިގެންދާއިރު ކަނޑައެޅިފައިވާ 46 ގައުމެއްގެ ޕާސްޕޯޓު އޮންނަ ފަރާތްތަކަށާއި، މި ހިދުމަތުގަައި މިހާތަނަށް ބަައިވެރިވެފައިވާ 31 އެއާލަައިނެއްގެ ފަސިންޖަރުންނަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އީ-ގޭޓު ބޭނުންކޮށްގެން އިމިގްރޭޝަން މަރުހަލާ ފުރިހަމަކުރެވޭނެއެވެ.
އަލަށް ތައާރަފުކުރި މި ނިޒާމުގަައި ހިމެނޭ އެންމެ ޒަމާނީ ބަޔޯމެޓްރިކް ޓެކްނޮލޮޖީގެ އެހީގަައި، ފޭޝަލް ރިކޮގްނިޝަން އަދި އަައިރިސް ސްކޭން ބޭނުންކޮށްގެން ދަތުރުވެރިޔާގެ ސަހުސު ކަށަވަރުކުރުމާއި، ޕާސްޕޯޓުގެ ސައްހަކަން ޔަގީންކުރުމަށް ހޭދަވަނީ ގާތްގަނޑަކަށް 6 އާއި 7 ސިކުންތާ ދެމެދުގެ ވަގުތުކޮޅެކެވެ. މީގެ ސަބަބުން ކިއޫގަައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ހާއްސަކޮށް އެއާޕޯޓު ބާރުބޮޑުވާ ވަގުތުތަކުގަައި ފަސިންޖަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
މި އީ-ގޭޓްތަކުގަައި ބޭނުންކުރާ ސަލާމަތީ ނިޒާމަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީއެވެ. އެގޮތުން، ޕާސްޕޯޓު ޗިޕުގަައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް "ޕެސިވް އޮތެންޓިކޭޝަން" އަދި ޗިޕަކީ އަސްލު ޗިޕެއްކަން ކަށަވަރުކުރުމަށް "އެކްޓިވް އޮތެންޓިކޭޝަން" ބޭނުންކުރެއެވެ. މީގެ ސަބަބުން އެހެން މީހެއްގެ މައުލޫމާތު ބޭނުންކޮށްގެން އޮޅުވާލަައިގެން (އަައިޑެންޓިޓީ ފްރޯޑް) ކުރާ ކަންކަން ހުއްޓުވި، ރާއްޖޭގެ ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މީގެއިތުރުން، ޓޫރިސްޓް ވިސާގަައި ރާއްޖެ އަންނަ ބިދޭސީން އިމިގްރޭޝަން ކައުންޓަރު ނުވަތަ އީ-ގޭޓް މެދުވެރިކޮށް ކްލިއަރެންސް ނިންމުމާއެކު، އޮޓޮމޭޓެޑް "އީ-ވިސާ" އެއް ދޫކުރެވޭނެއެވެ. މި ވިސާގެ ތަފްސީލާއި ރާއްޖޭގަައި ހުރެވޭ މުއްދަތު، "އިމުގާ" ޕޯޓަލްގެ "ޓްރެވެލާ ޑެކްލަރޭޝަން" ފޯމުގަައި ދަތުރުވެރިޔާ ހިމަނާފައިވާ އީމެއިލަށް ވަގުތުން ލިބިގެންދާނެއެވެ. އަދި ފަތުރުވެރިޔާ ރާއްޖެއިން ފުރުމާއެކު، ސިސްޓަމުން އަމިއްލައަށް އެ ވިސާ ބާތިލުވާނެއެވެ.
ދިވެހިންނާއި ބޭރުގެ ދަތުރުވެރިންނަށް އެތެރެވުމާއި ފުރުމުގަައި ވެސް އޮޓޮމޭޓެޑް އިމިގްރޭޝަން ކްލިއަރެންސްގެ ހިދުމަތް ލިބޭގޮތަށް ހަމަޖެއްސި މި ނިންމުމަކީ، ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން ޒަމާނީކޮށް، ހިދުމަތުގެ ހަލުވިކަމާއި ފެންވަރު މަތިކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
