ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ބަލައިފާސްކުރުމަށް ހާއްސަ ޓާސްކުފޯހުން ކ. ހުރާގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް އެ ރަށުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމްލަ 341 ބިދޭސީއަކު ވަނީ ބަލައިފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭކަމަށް ފާހަގަކުރެވުނު 43 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މީގެ ކުރިން މާލެ ސަރަހައްދުގައި ގިނަ ރެއިޑް އޮޕަރޭޝަންތަކެއް ހިންގާފައިވާއިރު، މިހާރު މި ހަރަކާތްތައް ވަނީ އަތޮޅުތަކުގެ އެކި ރަށްރަށަށް ފުޅާކޮށްފައެވެ.

އިމިގްރޭޝަނުން ކ. ހުރާގައި ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިންއެގޮތުން ވިޔަފާރިތަކުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ބިދޭސީންނާއި ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުން ހޯދައި، އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ކ. ހުރާގައި ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ވަޒީފާ އަދާކުރަމުންދާ ބިދޭސީން ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އިމިގްރޭޝަނުން ފަށާފައިވާ މި ހާއްސަ ހަރަކާތްތައް، އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ މުއައްސަސާއިން ވަނީ ދެއްވާފައެވެ.