ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ މައްސަލަ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ހާއްސަ ޓާސްކްފޯސްއިން ބަލަން ފަށައިފިއެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި، ހާއްސަކޮށް ޓިކްޓޮކް ފަދަ ޕްލެޓްފޯމުތަކުގައި ޕޭޖުތައް ހަދައިގެން ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. އެގޮތުން ހެދުން ވިއްކުމާއި، ކޭކު، ހެދިކާ، އަދި ތަފާތު އެކި ބާވަތްތަކުގެ ކާނާ އާއި ގިފްޓް ޕެކް ފަދަ ތަކެތި ހަދައިގެން ވިއްކަމުންދާ ބިދޭސީންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
މިއީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެފަދަ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމެއް ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި އެ މިނިސްޓްރީގެ ސްޕޯކްސްޕާސަން ފާތިމަތު ރިފާތު ވިދާޅުވީ، ސޯޝަލް މީޑިއާގައި ބިދޭސީން މިގޮތަށް ވިޔަފާރިކުރާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެގޮތަށް ބިދޭސީން އަމިއްލައަށް ވިޔަފާރިކުރުމަކީ ގާނޫނާއި ގަވާއިދާ ކަނޑައެޅިގެން ހިލާފު، މަނާ ކަމެއްކަން ފާހަގަކުރައްވައި ރިފާތު ވިދާޅުވީ، ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯހުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އެފަދަ ފަރާތްތަކުން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަ އިސްކަމެއް ދީގެން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މިފަދަ އަމަލުތައް ހިންގާ ބިދޭސީން ހޯދައި، އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތައް ގުޅިގެން މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.
މި އޮޕަރޭޝަންތަކާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ އެއް ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިސާއެއް އޮތް ނަމަވެސް، އެމީހުންނަށް ދޫކޮށްފައިވާ ވިސާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަންތަނުގައި މަސައްކަތް ކުރަމުންދާ ކަމެވެ. އަދި ހުއްދަ ދޫކޮށްފައިވާ ދާއިރާ ނޫން އެހެން މަސައްކަތްތަކުގައި ހަރަކާތްތެރިވުމާއި އަމިއްލައަށް ވިޔަފާރި ހިންގުމަކީ ވެސް ފާހަގަކުރެވޭ މައިގަނޑު އެއް މައްސަލަ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
