މޯލްޑިވްސް އިމިގްރޭޝަންގެ ގާނޫނަށް ގެންނަ އިސްލާހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ލިޔުންތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން ވިދާޅުވީ ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ އާ ބިލުގައި "ރެސިޑެންޓް ވިސާ" ގެ ނަމުގައި އެއްވެސް ވިސާއެއް ހިމެނިފައި ނުވާނެ ކަމަށެވެ.

އެއާއެކު އިހުސާން ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިބާރާތްތަކަކީ މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް އިރަކު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ ވިސްނުމެއް ގެންގުޅެފައިވާ ކަންކަން ނޫން ކަމަށް ވިދާޅުވެފައެވެ.

https://www.facebook.com/story.php?story_fbid=10102495921081060&id=11906731&mibextid=wwXIfr&rdid=PiU3nztpiNukaVOY#

އޭގެ ބަދަލުގައި، މިހާރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 50 ސޮފްހާގެ މައްޗަށް އެކުލެވޭ އިމިގްރޭޝަންގެ މުޅިން އާ ބިލެއް ކަން ވަނީ ފާހަގަކޮށްފައެވެ.

ސޯޝަލް މީޑިއާ ދައުރުވަމުންދާ ލިޔުމުގައި ވާގޮތުން ތިން ހާލަތެއްގައި ބިދޭސީއަކަށް ރެޒިޑެންޓް ވިސާ ދެވޭނެއެވެ. އެއީ ސަރުކާރުން ހުއްދަ ލިބިގެން އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެެއް ކުރުމުންނާއި ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފުމުންނާއި އަދި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނި ކުރުމުންނެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ފަދަ އެންމެހާ ރައްޔިތުންނާ ގުޅުންހުރި ހައްސާސީ މަސައްކަތްތަކެއް ކުރާ މުހިންމު އިދާރާއަކާ ގުޅޭގޮތުން، ރައްޔިތުންގެ މެދުގައި އޮޅުން އަރާފަދަ މިބާވަތުގެ ދޮގު ވާހަކަތައް ނުފެތުރުމަށް އިހުސާން ވަނީ އިލްތިމާސްކުރައްވާފައެވެ.