ޕްރިންޓްކޮށް ނިމިފައިވާ ޕާސްޕޯޓުތަކާ ހަވާލުނުވެ ގިނަ ދުވަސްވާނަމަ، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެ ތަކެތި ނައްތާލަން ނިންމައިފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓު ހަދައި ނިމުމަށްފަހު ވެސް ބައެއް ފަރާތްތަކުން އެ ތަކެއްޗާ ހަވާލުނުވެ ގިނަ ދުވަސްތަކެއް ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ޕްރިންޓްކޮށް ނިމިފައިވާ ޕާސްޕޯޓުތައް އިމިގްރޭޝަންގައި ބެހެއްޓޭނީ އެންމެ ގިނަވެގެން 6 މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ މުއްދަތު ހަމަވުމަށްފަހު ވެސް ވެރިފަރާތުން ހަވާލުނުވާ ޕާސްޕޯޓުތައް، އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އެހެންކަމުން، ޕާސްޕޯޓު ނިމިފައިވާކަން އެ އިދާރާއިން އެންގުމާއެކު، ލަސްނުކުރައްވައި ވީހާވެސް އަވަހަކަށް ޕާސްޕޯޓާ ހަވާލުވެވަޑައިގަތުމަށް އިމިގްރޭޝަނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ޕާސްޕޯޓާ ބެހޭ ގަވާއިދު ބަޔާންކުރާ ގޮތުން، ޕާސްޕޯޓު ހަދަން ހުށަހަޅާ ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެއާ ހަވާލުނުވެއްޖެނަމަ އެ ޕާސްޕޯޓެއް ބާތިލުކޮށް ނައްތާލުމުގެ އިހްތިޔާރު އިމިގްރޭޝަނަށް ލިބިގެންވެއެވެ. އަދި ބާތިލުކުރާ ޕާސްޕޯޓެއް އަލުން ހޯދަން ބޭނުންނަމަ، "އިމުގާ" ޕޯޓަލް މެދުވެރިކޮށް އަލުން ފޯމު ހުށަހަޅައި، ކަނޑައެޅިފައިވާ ފީ ދައްކަން ޖެހޭނެއެވެ.