މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް)އިން ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ޕާޓްނަރުންނާ ގުޅިގެން، 75 ވަނަ ބާލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (ބާލިނޭލް) ގައި ކެމްޕޭނެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެމްޕީއާރުސީއިން ބުނީ މިއަދު ނިމިގެންދިޔަ މި ފެސްޓިވަލްގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ މަގްސަދަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލެއްގެ ގޮތުގައި އޮތް މަގާމު ވަރުގަދަކުރުން ކަމަށެވެ.
އެގޮތުން ބާލިނޭލް އަކީ 1.6 މިލިއަނަށްވުރެ ގިނަ ބައިވެރިންގެ ސަމާލުކަން ހޯދައިދިން ހަރަކާތެއް ކަމަށް އެމްއެމްޕީއާރުސީއިމް ބުނެއެވެ. އޭގެ ތެރޭގައި ފިލްމު ހަދާ ފަރާތްތަކާއި، މަޝްހޫރު ފަންނާނުންނާއި، ސިނާއަތުގެ ޕްރޮފެޝަނަލުންނާއި، ސިނަމާއަށް ލޯބިކުރާ މީހުން ހިމެނެއެވެ.
އެމްއެމްޕީއާރުސީއިން ބުނީ މިއީ ދިވެހިރާއްޖޭގެ ރީތިކަން ދައްކުވައިދިނުމަށް އެންމެ އެކަށީގެންވާ މަންސަބެއް ފަހިކޮށްދިން ހަރަކާތެއް ކަމަށެވެ. އަދި މުޅި ފެސްޓިވަލް ތެރޭގައި ބޮޑު 2 ޑިޖިޓަލް ބިލްބޯޑެއްގައި ދިވެހިރާއްޖޭގެ ހިތްގައިމު މަންޒަރުތައް ހިމެނޭ 30 ސިކުންތުގެ ވީޑިއޯ އިޝްތިހާރުތަކެއް މި ކެމްޕޭނުގައި ދައްކުވައިދެވުކަން އެމްއެމްޕީއާރުސީއިން ފާހަގަކުރެއެވެ.
މި ސްޓްރެޓެޖިކް ކެމްޕޭނުގައި ރާއްޖޭގެ ތަފާތު ލީޒާ އަދި ލަގްޒަރީ ހުށަހެޅުންތަކަށް އަލިއަޅުވާލާފައިވާއިރު މި އިސްނެގުމުގައި އެމްއެމްޕީއާރުސީއިން އިނޮވޭޓިވް ގްލޯބަލް މާކެޓިން ސްޓްރެޓެޖީތަކުގެ ތެރެއިން ކުރާ މަސައްކަތާއި ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް ކުރާ ހިދުމަތްތެރިކަން ވަނީ ހާމަވެގެންގޮސްފައެވެ.
މިފަދަ ބައިނަލްއަގްވާމީ އިވެންޓެއްގައި ރާއްޖެ ދައްކާލާ އެމްއެމްޕީއާރުސީއިން ވަނީ ތަފާތު ބެލުންތެރިންނާ ހަމައަށް ވާސިލްވެ، ދިވެހިރާއްޖޭގެ ލަގްޒަރީ ބްރޭންޑް ވަރުގަދަކޮށްފައެވެ. އަދި މި ހަރަކާތުގެ ތެރެއިން ތަފާތު ވިޝުއަލްތަކާއި ވަރުގަދަ މެސެޖް ހާޒިރުވި މީހުންގެ ހިތުގައި ގުގުމާލުމުން، ޒިޔާރަތް ކުރަން އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް ލިބޭ ޝައުގުވެރިކަން އިތުރުވެގެން ދިޔަކަން އެމްއެމްޕީއާރުސީއިން ބުނެއެވެ.
ބާލިނަލް 2025 ގައި ބައިވެރިވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއ ކަމުގައި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރީތިކަން ދުނިޔޭގެ ބެލުންތެރިންނަށް ދައްކާލެވުމަކީ ލިބޭ އުފަލެއް ކަމަށާއި މި ކެމްޕޭނުން ފަތުރުވެރިންނަށް ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރީތިކަން ތަޖުރިބާ ކުރުމަށް ބާރުއެޅޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.