އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހެއްކާއެކު ހޯދިއްޖެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ ވައްކަމުގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ސަރުކާރުން ވަކިކޮށް ޖަލަށްލާން ގޮވާލަފައެވެ. މިއަދުގެ ޖަލްސާގައި މެންބަރު އަބްދުލްޣަފޫރު ދެއްކި ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ނައިބު ރައީސް ވަނީ މި ސަރުކާރުން ކޮރަޕްޝަންގެ މައްސަަލަތައް ހައްލުކުރުމަށް ފިޔަވަޅު އަޅަމުން އަންނަކަން ފާހަގަކުރައްވާފައެވެ.
ސިފައިންނާއި ފުލުހުންނާއި ކަރެކްޝަން ފަދަ ޔުނިފޯމް އެޅި ހިދުމަތްތައް އޮޑިޓްކުރުމުގެ ހުއްދަ މި ސަރުކާރުން ދީފައިވާކަން ފާހަގަކުރައްވަމުން ނާޒިމް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅޭ ތަފްސީލުތަކެއްވެސް ހާމަކުރައްވާފައެވެ.
އެ ގޮތުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް ހެއްކާ ގަރީނާއާ އެއްކޮށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދިފައިވާކަމަށެވެ. މީގެ އިތުރުން ނާޒިމް ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކުގައި މި ސަރުކާރުން ފިޔަވަޅު އަޅައި ބައެއް ކުންފުނިތަކުގެ އިސް ބައެއް ބޭފުޅުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުނިތަކުން އިވޭ ނޭދެވޭ އަޑުތައް ކެނޑިއްޖެކަމުގައި ނާޒިމް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް މިހާތަނަށް ސާބިތުވެފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. އެހެންނަމަވެސް އަދީބުގެ ބަލި ހާލަތާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހު އެމްޑީޕީ ސަރުކާރުގެ ފަހު އަހަރު އަދީބަށް ވަނީ މައާފުދީފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ މި ސަރުކާރުންވެސް ބަލަމުން އަންނައިރު އަދި މިހާތަނަށް މި މައްސަލައާއި ގުޅިގެން ލިބުނު އިތުރު އެއްވެސް ކުރިއެރުމެއް ކަމާއި ގުޅޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.