ހުޅުމާލޭގެ ހިތްގައިމު ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑާއެކު، މިއަދު އިވެން ފަށާފައި ވަނީ ދިވެހި ޒުވާނުންނާއި އާއިލާތަކަށް އާ ދިރުމެއް ގެނެސްދޭނެ އުއްމީދީ އަޑެކެވެ. މީގެ ނުވަ އަހަރު ކުރިން ފެށި، ނަމަވެސް އެކި ސަބަބުތަކާ ހުރެ ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތް ހުޅުމާލޭގެ "ވޯޓާ ތީމް ޕާކް" މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް އަލުން ފެށިގެން ދިއުމަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ގާއިމުވުމެއް ނޫނެވެ. މިއީ އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިވެހިރާއްޖެއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

މި ބޮޑު މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރު ދެއްވީ ދިވެހި އެތައް ރައްޔިތުންނަކަށް އުފާވެރި ހަބަރެކެވެ. މި މަޝްރޫއު ނިމިގެންދާ އިރު، މުޅިން އަލަށް 500 ވަޒީފާ މި ތަނުން އުފެދިގެންދާނެއެވެ. އެންމެ އުފާވެރި ކަމަކީ މި ވަޒީފާތަކުގެ 85 ޕަސެންޓް ދިވެހީންނަށް ހާއްސަކުރެވިފައި ވުމެވެ. އަދި އޭގެ ތެރެއިން 45 ޕަސެންޓް ވަޒީފާ ކަނބަލުންނަށް ހާއްސަކުރުމަށް ވަނީ ނިންމާފައެވެ.

ވަޒީފާތަކުގެ އިތުރުން، އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ވެސް މި މަޝްރޫއުގެ ތެރެއިން ވަނީ އިސްކަންދީފައެވެ. އެޗްޑީސީގެ އަމާޒަކީ މި ތަނުން އަހަރެއްގެ މައްޗަށް 120 އަށްވުރެ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީނުކޮށް، މަސައްކަތުގެ މާހައުލަށް ނެރުމެވެ. މިއީ ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

މި މަޝްރޫއުގެ މުހިންމުކަން ހާމަކުރައްވަމުން އެމްޑީ އަލީ ޒުހައިރު ވިދާޅުވީ "މި ފެށީ މީގެ ކުރިން ފަޅުވެފައި އޮތް ބިމެއް ދިވެހި އާއިލާތަކަށް ހިތްފަސޭހަ އުފާވެރި މަންޒިލަކަށް ބަދަލުކުރުމުގެ މަސައްކަތް. ޒުވާނުންނަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، ވިޔަފާރިތަކަށް އާ ދިރުމެއް ލިބި، ފަތުރުވެރިކަމުގެ އާ ބާބެއް ހުޅުމާލޭގެ އައްސޭރިފަށުން ފެށުމުގެ މަސައްކަތް. އާދެ، މިއީ ހުޅުމާލެއަށް އަންނަ އާ ދިރުމެއް. ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ލިބޭނެ އުފާވެރިކަމެއް."

ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް މި މަޝްރޫއު އަލުން ފެށިގެން ދިޔުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމެކެވެ. ރައީސްގެ އެންމެ މުހިންމު އެއް އަމާޒަކީ، އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓި ރައްޔިތުންނަށް ހިދުމަތް ނުލިބި ހުރި މަޝްރޫއުތައް އަވަހަށް ނިންމައި ރައްޔިތުންގެ ހިދުމަތަށް ގެނައުމެވެ. ކުރީގެ ސަރުކާރުތަކުން އެއްވެސް ޕްލޭނެއް ނެތި ފަށައި، ހުއްޓިފައި ހުރި މަޝްރޫއުތައް ނިންމުމުގެ ވަރުގަދަ އަޒުމު ހާމަކުރައްވަމުން އެމްޑީ ވިދާޅުވީ، ދެން އެޗްޑީސީގެ އެއްވެސް މަޝްރޫއެއް ހުއްޓިފައި ނޯންނާނެ ކަމަށެވެ.

"މިއީ ކުޑަ ކާމިޔާބެއް ނޫން. ބޮޑު މަސައްކަތެއް. 20 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓެލްގެ މަސައްކަތް ނިންމައިފި. މިއަދު އެ ތަނުން އެ އަންނަނީ ޚިދުމަތް ދެމުން. 2017 އިން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް މަޝްރޫއު ނިމިއްޖެ. އާއިލާތައް އެ ތަނުގައި ދިރިއުޅެން ފަށައިފި. ހަމަ އެހާ ދުވަސް ވަންދެން ހުއްޓިފައި އޮތް ދި ގާޑަން މަޝްރޫއު ވެސް ފުރިހަމަކުރެއްވިއްޖެ. އެ ތަނުގައި މީހުން އެ އަންނަނީ ދިރިއުޅެމުން. އަދި 2018 އިން ފެށިގެން ބޭނުންނުކޮށް، ފަޅުވެފައި އޮތް ވާޓިކަލް ޕާކިންގ ނިޒާމުތައް ވަރަށް އަވަހަށް އާންމުންނަށް ހުޅުވާލެވޭނެ،" އެމްޑީ އަލީ ޒުހައިރު ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

މި މަޝްރޫއަކީ ބިޔަ، ބޮޑު މަޝްރޫއެކެވެ. މުޅި މަޝްރޫއު ކުރިއަށްދަނީ ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައެވެ. އޭގެ ތެރެއިން ހުޅުމާލެ ވޯޓާ ތީމް ޕާކަށް ޚާއްސަކޮށްފައިވަނީ 17,800 އަކަމީޓަރެވެ. އަދި ބާކީ 23,749.7 އަކަމީޓަރުގެ ސަރަހައްދު ތަރައްގީކުރަނީ 'ވޯކޯ ރިސޯޓް ހޮޓެލް' ގެ ގޮތުގައެވެ. މި ބޮޑު މަޝްރޫއު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސް ދުވަހުގެ މުއްދަތެކެވެ.

މޫދާ ގުޅިފައިވާ ހިތްގައިމު މާހައުލެއްގައި ތަރައްގީކުރާ މި ޕާކުގައި ޒަމާނީ ފެންވަރުގެ ގިނަ ވަސީލަތްތަކެއް ހިމެނެއެވެ. އެގޮތުން މައިގަނޑު 11 ވޯޓާ އެޓްރެކްޝަނަކާއި، ޚިދުމަތް ދޭ 30 ވަސީލަތެއް މި ތަނުގައި ގާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި 8 ވޯޓާ ސްލައިޑް އެކުލެވޭ ކޮމްޕްލެކްސްއަކާއި، ބިރުވެރި އަދި އެހާމެ މަޖާ ޓޯނޭޑޯ ސްލައިޑަކާއި، ހަމަޖެހިލައިގެން އޮވެވޭ ލޭޒީ ރިވަރ އަދި ނިއުމެޓިކް ވޭވް ޕޫލް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ސްޕްލޭޝް ޕެޑަކާއި ވޯޓާ ހައުސްއެއް ވެސް ހުންނާނެއެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

މަޝްރޫއުގެ އައު މާސްޓަރ ޕްލޭންގައިވާ ގޮތުން 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތެއް ވެސް ތަރައްގީކުރެވޭނެއެވެ. އަދި އިދާރީ މަސައްކަތްތަކަށް 5 ފަންގިފިލާގެ އޮފީހަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތެއްގެ އިތުރުން ކެއިންބުއިމުގެ ޚިދުމަތް ދޭނެ ރެސްޓޯރެންޓާއި، ހަނދާނީ ފޮޓޯ ނެގުމަށް ޚާއްސަ ތަންތަނާއި، މަލްޓިމީޑިއާ ޒޯން އަދި ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނެހެން ޕާކިންގ ޖާގަތައް ވެސް ތަރައްގީކުރެވިގެންދާނެއެވެ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކަކީ ހަމައެކަނި ފެނުގެ ކުޅިވަރުތަކަށް ޚާއްސަ ތަނެއް ނޫނެވެ. މިއީ ދިވެހި އާއިލާތަކުގެ ގުޅުން ބަދަހިކޮށްދީ، ހިތްހަމަޖެހުން ގެނެސްދޭނެ އިޖުތިމާއީ ބޮޑު ބިނާއެކެވެ. އަދި ފަތުރުވެރިކަމަށް ލިބޭނެ އިތުރު ބޮޅަކަށް ވުމުގެ އިތުރުން، ދިވެހި ޒުވާނުންގެ މުސްތަގުބަލު އުޖާލާކޮށްދޭނެ ވަޒީފާގެ ބޮޑު މައިދާނެކެވެ. މި މަޝްރޫއު ނިމިގެން އަންނައިރު، މާލޭ ސަރަޙައްދުގެ އިގްތިސާދަށާއި އިޖުތިމާއީ ދިރިއުޅުމަށް އަންނާނީ ބަޔާންކުރަން ދަތި އައު ދިރުމެކެވެ.