މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ 1 މިލިއަން ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭތީ އެ ހުކުމް ތަންފީޒުކުރަން ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދީބު ދެއްކި ނަމަވެސް ބާކީ 1 މިލިއަން ރުފިޔާ ނުދައްކާތީ އެ މައްސަލަ ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. މި މައްސަލަ ބެލުމަށް ފަހު މިދިޔަ ޖެނުއަރީ މަހު ކޯޓުން ހުކުމް ކުރީ އެ ފައިސާ 1 މަސް ތެރޭގައި ދެއްކުމަށެވެ.

އެ ހުކުމް ކުރިތާ މިހާތަނަށް 7 މަސް ވެފައިވާ އިރު، މިހާތަނަށް އެ ފައިސާ ދައުލަތަށް ދައްކާފައެއް ނުވެއެވެ. އެހެންކަމުން ދައުލަތުގެ ފަރާތުން އެ މައްސަލަ ވަނީ ސިވިލް ކޯތަށް ހުށަހަޅާފައި ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ. އަދި އަދީބުގެ އެކައުންޓްގައި ފައިސާ ނެތުމުން އެ ހުކުމް ތަންފީޒް ނުކުރެވޭ ކަމަށް ވެސް އެޓަނީ ޖެނަރަލް އޮފީހުން ބުނެއެވެ.

2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ތެރޭގައި ހިންގި ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަށް އިއުތިރާފުވުމުން، ކްރިމިނަލް ކޯޓުން ދެ މިލިއަން ޖޫރިމަނާ ކުރުމުގެ އިތުރުން ވަނީ އޭނާ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަދީބުގެ އިތުރުން، އެ މައްސަލައިގައި 32 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް މއާފް ދެއްވާފައެވެ.

2018 ގައި ވެރިކަމަށް ސޯލިހް ވަޑައިގަތީ އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް، ގެއްލުނު ފައިސާ ހޯދުމަށް ވައުދުވެވަޑައިގަތުމަށް ފަހުގައެވެ. އެ މައްސަލަަ ތަހްގީގު ކުރުމަށްޓަކައި އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދެވި ނަމަވެސް، އެ ވައުދު ނުފުއްދި، އޭގެ ބަދަލުގައި ދެ ބޭފުޅުންނަށް މައާފު ދެއްވުމުން، ބައެއް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އާންމުން ވަނީ ސޯލިހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.