އިޓަލީގެ ރިމިނީގައި ބާއްވާ "ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް 2026" ގައި ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 24 ފަރާތަކުން ބައިވެރިވާން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ބުނީ މިއީ އިޓަލީގެ ފަތުރުވެރިކަމުގެ މާކެޓަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ބީޓޫބީ ހަރަކާތްކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މި މަހުގެ 14 އިން 16 އަށެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ ސްޓޭންޑުން ފަތުރުވެރިކަމުގެ ތަފާތު އުފެއްދުންތައް ދައްކާލާނެއެވެ. މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 24 ކުންފުންޏަކުން ބައިވެރިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ރިސޯޓުތަކާއި، ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އޭޖެންސީތައް ހިމެނެއެވެ.
މި ފަރާތްތަކުން ފެއާގެ ތެރެއިން އަމިއްލަ އުފެއްދުންތައް އިޝްތިހާރުކުރުމުގެ އިތުރުން، އިޓަލީގެ ފަތުރުވެރިންނަށް ހާއްސަ ޕެކޭޖުތައް ތައާރަފުކުރާނެކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ. މީގެ އިތުރުން، އިޓަލީގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކޮށް، ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ މަގުބޫލު އަދި ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް އިންޑަސްޓްރީގެ އިސް ފަރާތްތަކާއެކު ގިނަ ބައްދަލުވުންތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ޔޫރަޕުގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް ސަރަހައްދެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އިޓަލީން ރާއްޖެއަށް 83،644 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 6.5 ޕަސެންޓެވެ.
މި އަދަދުތަކާއެކު އިޓަލީ އޮތީ ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައެވެ. އަހަރުގެ ކުރީކޮޅު، ހާއްސަކޮށް ޖެނުއަރީ މަހުގެ ތެރޭގައި އިޓަލީ މާކެޓު އޮތީ ދެވަނައިގައެވެ. ނަމަވެސް ފަހުން ރަޝިޔާއާއި އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން އިޓަލީ ވަނީ ހަތަރުވަނައަށް ވެއްޓިފައެވެ. އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައިވެސް ވަރަށް ހާއްސަ ގައުމެކެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން އައިސްފައިވަނީ ވެސް އިޓަލީންނެވެ. އެހެންކަމުން، އެ ގައުމުގެ މާކެޓު ހިފެހެއްޓުމަކީ އެމްއެމްޕީއާރުސީގެ މާކެޓިން ސްޓްރެޓެޖީގެ މުހިންމު ބައެކެވެ.
އެމްއެމްޕީއާރުސީން އަންނަނީ ޔޫރަޕުގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް ޓަކައި ސްޓްރެޓީޖިކް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ބައިނަލްއަގުވާމީ ބޮޑެތި ފެއާތަކުގައި ބައިވެރިވުމާއި، ރޯޑްޝޯތައް ބޭއްވުމުގެ އިތުރުން ޑިޖިޓަލް ކެމްޕެއިންތައް ހިންގުން ހިމެނެއެވެ.
ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސްގައި ބައިވެރިވުމަށްފަހު، މި މަހުގެ ފަހުކޮޅު ސިންގަޕޫރުގައި ބާއްވާ އައިޓީބީ އޭޝިއާ ފެއާގައިވެސް ރާއްޖެއިން ބައިވެރިވުމަށް ވަނީ ތާވަލުކޮށްފައެވެ.
