އެއްގަމު އުޅަނދުފަހަރު ޕާކްކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި 15 ޕާކިން އިމާރާތެއް އަޅަން ޓްރާންސްޕޯޓް މިނިސްޓްރީން އެޗްޑީސީ އާ އެކު ސޮއިކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އިދާރާގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ހަވާލުވެ ގެނައި ބަދަލުތަކާ އެކު މަގުތަކުގެ މައްސަލަތަކަށް ހައްލުތަކެއް އައިސްފައިވާ ކަަމަށާއި، ޕާކިން އިމާރާތްތަކާ އެކު ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

އެޗްޑީސީ އާ އަޅަން ހަވާލުކުރި ޕާކިން އިމާރާތްތަކުގައި 3،920 ޖާގަ ކާރުތަކަށް، އަދި 3،426 ޖާގަ ސައިކަލުތަކަށް ދޫކުރާނެއެވެ. އޭގެ ތެރެއިން 90 ޕަސެންޓު ޖާގަ ބީލަމުގެ އުސޫލުން ދޫކުރާއިރު ބާކީ ޖާގަތައް ހާއްސަކުރަން ނިންމާފައިވަނީ ޕާކިން އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ އާއި އެންމެ މަތީ ފަންގިފިލާގައި ހަދާ ކެފޭތަކާއި ކުޅިވަރު ހޯލުތަކަށް ދާ ފަރާތްތަކަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ، ޖާގަތަށް ގަންނަ ފަރާތްތަކަށް މުޅި އުމުރަށް އެ ޖާގައެއް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕާކިން އިމާރާތްތައް އަޅާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި، ދެ އަހަރު ތެރޭ އަޅައި ނިންމާލެވޭނެ ކަމަށެވެ.

އެޗްޑީސީން ޕާކިން އިމާރާތްތައް އަޅާނެ ބަޔަކު ހޯދުމަށް ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ.