ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ހާމަކަން ބޮޑު ތަންތަނުގައި ކަސްރަތު ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، 50 ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ.
އެޗްޑީސީން ބުނީ މިހާތަނަށް 50 ރަށެއްގައި އެންމެ ފަހުގެ ވަސީލަތްތަކާ އެކު ކަސްރަތު ކުރާ ތަންތަން ނިންމާފައިވާ ކަމަށެވެ. އަދި ބާކީ ހުރި 21 ރަށުގެ މަސައްކަތް ވެސް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ ތެރޭގައި އާ ސާމާނު ހޯދައި ހަރުކުރުމާއި، ބައެއް ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އުމީ ފެންވަރުގައި ދުޅަހެޔޮކަން އިތުރުކުރުމުގެ ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ވަސީލަތްތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ރައްޔިތުންނަށް ބާރުއަޅައި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
