ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.
އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން ހިމެނޭ ކްލަބް އެޗްޑީސީގެ ޓީމުން ވަނީ މި ތިން މުބާރާތުގައި ކުޅުނު ޖުމުލަ 12 މެޗުން ވެސް މޮޅުވެފައެވެ.
އެގޮތުން ނޮވެންބަރު 9 އިން 13 އަށް މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ޖުމުލަ 18 ޓީމު ވާދަކުރި މި މުބާރާތުގައި އެ ކޯޕަރޭޝަންގެ ފަރާތުން ތިން ޓީމު ވާދަކުރިއެވެ. އެއީ:
- ކްލަބް އެޗްޑީސީ 1: އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން
- ކްލަބް އެޗްޑީސީ 2: މާލިކް އަސަދު އަދި ބިލާލް އަސްއަދު
- ކްލަބް އެޗްޑީސީ 3: އަލީ ނިމާލް އަދި ހުމާމް ހަސަން
މި މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީ 1 އިން ހޯދީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ.
މީގެ އިތުރުން ނޮވެމްބަރު 15 އިން 17 އަށް ކުރިއަށްދިޔަ ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަ ޓީމު ވާދަކުރި މުބާރާތުގައި އެޗްޑީސީ ތަމުސީލުކުރީ ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން އެކަންޏެވެ. މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، މި ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ އެ ޓީމުންނެވެ.
ނޮވެންބަރު 18 ވަނަ ދުވަހު ކުރިއަށްދިޔަ ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގެ އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި ބޭއްވި މި މުބާރާތުގައި ވެސް އެ ކޯޕަރޭޝަން ތަމުސީލުކުރީ ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންއެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ، މި މުބާރާތުގެ ތަށި ވެސް ކާމިޔާބުކުރީ އެ ޓީމުންނެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، މި ފަދަ ކުޅިވަރުތަކުން ކުރިއަށްދާން މުވައްޒަފުންނަށް ހިތްވަރުދީ، ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
