ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފިއެވެ.

މިއީ ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށާއި، ވެހިކަލްތަކަށް ރައްކާތެރިކޮށް ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އަލަށް ތަރައްގީ ކުރާ މި ޕާކިން ބިލްޑިންތަކުގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނެއެވެ.

މި މަޝްރޫއު ދޫކުރުމުގައި އިސަކަންދޭނީ އީޕީސީ ޕްލަސް އެފް (އިންޖިނޭރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) މޮޑެލްއަށް ނަމަވެސް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަދި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށް ވެއެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެހެންކަމުން، ހުޅުމާލޭގައި ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ސެޕްޓެމްބަރު 16، 2024 ގެ 14:00 ގެ ކުރިން އީއޯއައި ހުށަހަޅުމަށް އެޗްޑިސީން ވަނީ އެދިފައެވެ. އީއޯއައިތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ.

މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓު (https://www.hdc.mv/announcements/) ލިބެން ހުންނާނެއެވެ. އަދި އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެއެވެ.