ހުޅުމާލޭގައި ހިންގާ މަޝްހޫރު ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހުސްކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން މީގެ ކުރިން ނެރެފައިވާ ވަގުތީ އަމުރު، އެ ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
އެޗްޑީސީ އަށް ދައްކަންޖެހޭ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ރިވެލި ރެސްޓޯރަންޓް ހިންގާ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން އެ ކުންފުންޏަށް އެންގީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އެއަށްފަހު އެޗްޑީސީން އެ ތަން ހުސްކުރުމުގެ މަސައްކަތް ފެށުމުން، ސޮލާރިސްއިން ވަނީ އެ ނިންމުން ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ވަގުތީ އަމުރަކަށް އެދިފައެވެ.
މި މައްސަލައިގައި އެޗްޑީސީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރިން ނެރުނު ވަގުތީ އަމުރުގައި، އެ ރެސްޓޯރަންޓުގެ ހިންގުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށާ، އެފަދަ ކަމެއް ކޮށްފައިވާނަމަ އެކަން އިޔާދަކުރުމަށް އަންގާފައިވެއެވެ. ނަމަވެސް އެޗްޑީސީން އެ އަމުރު މުރާޖައާ ކޮށްދިނުމަށް އެދުމުން، ކޯޓުން މިއަދު ވަނީ އެ އަމުރު ބާތިލުކުރަން ނިންމާފައެވެ.
އެގޮތުން މިއަދު ނެރުނު އަމުރުގައި ވަނީ އެޗްޑީސީގެ ޣައިރު ހާޒިރުގައި ނެރުނު ވަގުތީ އަމުރު ދެމިއޮތުމުގެ ސަބަބުން އެ ކުންފުންޏަށް ހައްގު ނޫން ބުރައެއް އުފުލަންޖެހޭ ކަމަށް ކޯޓުން ދެކޭ ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް ނޯޓިސް ދީފައިވާކަން ޝަރީއަތަށް ސާބިތުވެއްޖެނަމަ، ސޮލާރިސްއަށް ލިބޭ ގެއްލުމަށް މާލީ ގޮތުން ބަދަލު ލިބޭނެ ފުރިހަމަ އިންތިޒާމު އެބައޮތްކަން ފާހަގަކޮށް ކޯޓުން ވަނީ މައްސަލައިގައި ފުރަތަމަ އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ފަހުން، މައްސަލައިގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ފާހަގަކޮށްފައެވެ.
