ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވައި ހަނގުރާމަ ހުއްޓާލުމަށާއި އެ ގައުމުގެ ރައްޔިތުންނަށް އެހީ ފޯރުކޮށް ދިނުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފިއެވެ.

ޒަމީރު މިފަދައިން ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑޭޑް އެކްސްޓްރާ އޯޑިނަރީ މީޓިންގައި ދެއްވި ބަޔާނުގައެވެ. މި ބައްދަލުވުން އޮތީ ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ.

މިނިސްޓަރ ޒަމީރުގެ ވިދާޅުވީ، ގާޒާގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރާ ކަމަށެވެ. ގާނޫނުގެ ވެރިކަމަށް އިހުތިރާމްކޮށް ދެމެހެއްޓުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ދައުރު ޒަމީރު ފާހަގަކުރެއްވިއެވެ. އެއަށްފަހު އޭނާ ވަނީ އަވަސް އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ގާޒާއަށް އެކި ގައުމުތަކުން ފޯރުކޮށްދެމުންދާ އެހީއިން މިހާރު ނުފުދޭނެ ކަން ފާހަގަކުރައްވައި، އެކަށީގެންވާ ވަރަށް އެހީގެ ބާވަތްތައް ރައްކާތެރިކަމާއެކު ފޯރުކޮށްދީ އެ ގައުމުގެ ރައްޔިތުންނަށް އެއްކޮށް ބެހުމަށް ޒަމީރު ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވެފައިވާ ވައުދުތައް ދުވަހަކުވެސް ފަސް ނުކުރާނެ ކަމަށް ޒަމީރު ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދެވޭނީ 1967 ވަނަ އަހަރުގެ ކުރިން އިރުމަތީ ގުދުސް އާއި އިރުމަތީ ގުދުސްގެ ވެރިރަށް ކަމަށް ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް މިނިވަން އަދި ސިޔާދަތީ ދައުލަތެއްގެ ގޮތުގައި ފަލަސްތީން ގާއިމުކުރެވިގެން ކަމަށް ޒަމީރު ވިދާޅުވިއެވެ. ހަމައެއާއެކު ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ވެސް ޒަމީރު ވަނީ ކުށްވެރި ކުރައްވާފައެވެ.

57 މެންބަރު ގައުމެއް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަކީ ފަލަސްތީނުގެ ރައްޔިތުންނާއި އެ މީހުންގެ ދައުލަތަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ޖަމިއްޔާއެކެވެ. 1976 ވަނަ އަހަރު އޯއައިސީގެ މެންބަރަކަށް ވީ ފަހުން ރާއްޖެ އަކީ އެ ޖަމިއްޔާގެ އެކްޓިވް މެންބަރެކެވެ.