ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން މަސްޖިދުލް އަގްސާގެ ދޮރުތައް ބަންދުކޮށް، އަޅުކަންކުރާ މީހުންނަށް ހުރަސް އަޅަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މުސްލިމުންގެ އެންމެ މުގައްދަސް އެއް ބިނާ ކަމަށްވާ މަސްޖިދުލް އަގްސާއަށް، ބަރަކާތްތެރި ރަމަޟާން މަހު މުސްލިމުންނަށް ނުވަދެވޭ ގޮތަށް ހުރަސް އެޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި މިއީ އެ މިސްކިތުގެ މުގައްދަސްކަމާއި، ގާނޫނީ ހައިސިއްޔަތު އަދި ދީނީ މުހިންމު ކަމަށް އުނިކަން ދިނުމަށް ގަސްތުގައި ހިންގާ އުދުވާނީ އަމަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އިޒްރޭލުން ހިންގާ އިންސާނީ ހައްގުތަކާ ހިލާފު ބޮޑެތި ޖަރީމާތަކާއި، އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް ބިނާތަކާ ގުޅޭގޮތުން ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ 'ސްޓޭޓަސް ކޯ' ނުވަތަ އޮތް އުސޫލުތަކަށް ބޯނުލަނބާ މައްސަލައިގައި، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ފަލަސްތީނުގެ މައްސަލައިގައި ބައިނަލްއަގްވާމީ މައިދާނުގައި ވަރުގަދައަށް ވަކާލާތު ކުރަމުންނެވެ. އެގޮތުން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.