އިނގިރޭސިވިލާތް ހިމެނޭހެން 3 ގައުމަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ނިންމި ނިންމުމަށް ދިވެހިރާއްޖެ އިން މަރުހަބާ ކިޔައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މިއީ މި ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިއާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރި ކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، ރައްކާތެރިކަން ކަށަވަރުކޮށް ދިނުމާ މެދު ގައުމުތަކުގެ މެދުގައި ހިޔާލު އެއްގޮތް ކަން ހާމަވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މިހާތަނަށް ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައިވާ ނުވާ ގައުމުތަކުން ވެސް އެ ގައުމުގެ ރައްޔިތުންގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
އދ. އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ބައްދަލުވުންތައް މިހާރު ފަށާފައިވާ އިރު، ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަން އިއުލާންކޮށްފައެވެ.
އިނގިރޭސިވިލާތުން ފަލަސްތީނުގެ މިނިވަންކަން ބަލައިގަތުމަކީ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ނިންމުމެކެވެ. އެއީ އެ ގައުމަކީ އެންމެ ފުރަތަމަ ޔަހޫދީ ދައުލަތް އުފެއްދުމުގައި ބޮޑު ދައުރެއް އަދާ ކުރި ގައުމެކެވެ.