އިޒްރޭލުގެ ކެބިނެޓުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އަލަށް 34 އާބާދުވުން ގާއިމުކުރުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް އިޒްރޭލުން ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކަކީ ފަލަސްތީނުގެ ބިންތަކުގެ ހާލަތު ބަދަލުކުރުމަށް ރޭވުންތެރިކަމާއެކު ހިންގާ އަމަލުތަކެއް ކަމަށެވެ.

މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ، ހާއްސަކޮށް ގަރާރު ނަންބަރު 2334 އާ ކަނޑައެޅިގެން ހިލާފު ކަމެއްކަން ސަރުކާރުން ފާހަގަކޮށްފައިވެއެވެ. އަދި ގާނޫނީ ޒިންމާތައް އަދާކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށާއި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މިފަދަ ޣައިރު ގާނޫނީ އަމަލުތަކާއި އާބާދުވުންތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގު ހިމެނޭހެން، އެ ގައުމުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތަށް ދިވެހިރާއްޖެއިން ކުރާ ތާއީދު އާ ކުރާ ކަމަށް ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުގެ ސިޔާސަތަކީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށްވެސް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.