ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި 2 ދައުލަތުގެ ހައްލު ތަންފީޒުކުރުމާގުޅޭ ގަރާރު "ނިއުޔޯކް ޑެކްލެރޭޝަން" ފާސްކުރުމަށް ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ.

އެ ގަރާރު ބަލައިގެންފައިވަނީ މިއަދު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ.

ނިއުޔޯލް ޑެކްލެރޭޝަން ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 142 ގައުމުގެ ތާއީދާއެކުގައެވެ. އެ ގަރާރާ ދެކޮޅަށް 10 ގައުމުން ވޯޓުދީފައި ވާއިރު، 12 ގައުމަކުން ވަނީ ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ނިންމާފައެެވެ.

އެ ޑެކްލަރޭޝަނަކީ މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 ޖުލައި އަށް ސައޫދީ އަރަބިއްޔާ އަދި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އ.ދ. ގައި ބޭއްވި ހައި ލެވަލް އިންޓާނޭޝަނަލް ކޮންފަރެންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގެ ނަތީޖާ ޑޮކިއުމަންޓެވެ.

ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި ފަލަސްތީނުގައި މިނިވަން އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް މި ޑެކްލަރޭޝަންގައި ގޮވާލާފައިވެއެވެ. އެކަމަކީ އޭގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތަކާއި ސަރައްހައްދީ ސަލާމަތާއި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއި އަމިއްލައަށް ކަންކަން ނިންމުމަށް ގައުމުތަކަށް ލިބޭ ހައްގު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެކެވެ.