ޖާމަނީގައި މިހާރު ކުރިއަށްދާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ދެވަނަ ރައުންޑްގެ މެޗުތައް މިއަދު ނިމޭ އިރު މިހާތަނަށް ދެވަނަ ބުރުގެ ޖާގަ ޔަގީންކުރެވިފައިވަނީ އެންމެ ދެ ގައުމަށެވެ. އެއީ ހޯސްޓް ޖާމަނީއާ ގްރޫޕް ބީއިން ސްޕެއިންއެވެ. އިޓަލީ، އިންގްލޭންޑް، ފްރާންސް އަދި ނެދެލޭންޑްސް ފަދަ ގައުމުތަކަށް ދެވަނަ ބުރަށް ދެވޭކަން ޔަގީންވާނީ ގްރޫޕްގެ ސްޓޭޖްގެ ފަހު މެޗުތައް ކުޅުމުންނެވެ.

މިއަދު ގްރޫޕް އީގެ އެއް މަޗާއި ގްރޫޕް އެފްގެ ދެމެޗު ކުޅޭ އިރު ޕޯޗުގަލް ނުވަތަ ތުރުކީއަށް ދެވަނަ ބުރުން ޖާގަ ހޯދިދާނެއެވެ.

ހަވީރު 6 ޖަހާ އިރު ޗެކްރިޕަބްލިކްއާ ޖޯޖިއާ ވާދަކުރާނެ

ޔޫރޯ 2024 ގައި މި ދެ ޓީމުން ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވި ނަމަވެސް އިއްޔެގެ ނަތީޖާތަކުން މި ދެޓީމަށް ވެސް ހިތްވަރު ލިބޭނެއެވެ. މިގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވި ޔޫކްރެއިން އަދި އޮސްޓްރިއާ އިއްޔެ އެޓީމުތަކުން ކުޅުނު މެޗުތަކުން މޮޅުވި އިރު މި ދެޓީމަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ޔޫރޯގައި ޖޯޖިއާއިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށް ފަހު އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

ގްރޫޕް ސްޓޭޖްގައި ޗެކްރިޕަބްލިކް ކުޅުނު މެޗުގައި 2-1 އިން ޕޯޗުގަލް އަތުން ބަލިވި އިރު އެމެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ޗެކްރިޕަބްލިކުންނެވެ. އަނެއްކޮޅުން، ޖޯޖިއާ ކުޅުނު ފުރަތަމަ މެޗުގައި 1-3 އިން ތުރުކީ އަތުން ބަލިވި ނަމަވެސް ޖޯޖިއާގެ ފަރާތުން މޮޅު ކުޅުމެއް އެމެޗުގައި ފެނުނެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޖޯޖިއާއިން ޕޯޗުގަލްއާ ދެކޮޅަށް ނިކުންނާނެ އިރު ޗެކްރިޕަބްލިކް ކުޅޭނީ ތުރުކީއާއެވެ. އެހެން ކަމުން މި ދެޓީމުން ވެސް ބޭނުންވާނީ މިިއަދުގެ މެޗުން ރަގަނޅު ނަތީޖާއެއް ނެރެ ފަހުގެ މެޗުގެ ކުރިން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތެއް ހޯދުމަށެވެ.

9 ޖަހާ އިރު އޮތް މެޗުން މޮޅުވެގެން ޕޯޗުގަލް އަދި ތުރުކީއަށް ވެސް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވާނެ

ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖްގައި މީހުން އެންމެ ބަލާ ހިތްވާ ކަހަލަ ކުޅުމެއް ދައްކާފައިވާ އެއް ޓީމަކީ ތުރުކީއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ތުރުކީއިން 1-3 އިން ޖޯޖިއާ ބަލިކުރި އިރު މި މެޗުގައި ތުރުކީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ މިމުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ރީތި ދެ ލަނޑެވެ.

ތުރުކީގެ ފުރަތަމަ ލަނޑު ޖަހާ މުލްޑޯރް/ފޮޓޯ: އެކްސް

އަނެއްކޮޅުން، ޕޯޗުގަލްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ފަހަތުން އަރާ ޗެކްރިޕަބްލިކް ބަލިކޮށްފައެވެ. މިރޭގެ މެޗުން މޮޅުވެގެން ސްޕެއިން އަދި ޖާމަނީއާ އެކު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މި ދެޓީމަށް ވެސް އޮތް އިރު މިރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

ޕޯޗުގަލްއަށް ފަހު ވަގުތު ލަނޑު ޖަހާ ދިން ކޮންސެންސިއޯ/ފޮޓޯ: އެކްސް

12 ޖަހާ އިރު ރޯމޭނިއާ ނިކުންނާނީ ބެލްޖިއަމް މުބާރާތުން ކަޓުވާލަން

ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް އެންމެ ހައިރާން ކުރުވަނިވި ކުޅުމެއް ފެނިގެން ގޮސްފައިވަނީ ރޯމޭނިއާ އަދި ބެލްޖިއަމްގެ ފަރާތުންނެވެ. ދުނިޔޭގެ ރޭންކިންގްގެ ތިން ވަނައަށް އޮތް ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުން ބަލިވި އިރު އެޓީމަށް އަދި މުބާރާތުގައި ލަނޑެއް ވެސް ނުޖެހެއެވެ. ބަދަލުގައި ރޯމެނިއާއިން ކުޅުނު ފުރަތަމަ މެޗުގައި ޔޫކްރެއިން ކޮޅަށް 3 ލަނޑު ޖަހާ މޮޅުވެގެން ތިން ޕޮއިންޓް ހޯދި އިރު އެޓީމު އޮތީ ގްރޫޕް އީގެ އެއްވަނައިގައެވެ.

ރޯމޭނިއާއިން ލަނޑު ޖަހާ އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މިރޭގެ މެޗުން ރޯމޭނިއާއިން އަނެއްކާވެސް ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެ ބެލްޖިއަމް ބަލިކޮށްފިނަމަ ބެލްޖިއަމް މުބާރާތުން ކެޓުމަކީ ވަރަށް ގާތް ކަމެކެވެ.