އިންޑިއާގެ ޓެމިލްނާޑުގެ އަވަށެއް ކަމަށްވާ ކައްލަކުރުޗީގައި ވަގަށް އުފައްދާ ވިއްކަމުން ދިޔަ ރާ ބޮއެގެން 34 މީހަކު މަރުވެއްޖެއެވެ.
އިދާރާތަކުން ބުނާގޮތުގައި, އަންގާރަ ދުވަހުގެ ރޭ ހިނގި މިހާދިސާގައި ރާބޮއެގެން ހާލު ދެރަވެ 80 މީހަކަށް ފަރުވާދޭން ޖެހިފައި ވާ އިރު އޭގެ ތެރޭގައި އާޑަޔާ ހިލާފަށް ބޭރަށް ހިންގާ, ހޮޑުލާ މީހުން ތިބި ކަމަށެވެ. އަދި މަރުވީ އޭގެ ތެރެއިން 34 މީހުން ނަމަވެސް އިތުރު ބަޔަކު މަރުވެދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިހާދިސާ އާ ގުޅިގެން ސީނިއާ ޕޮލިސް އޮފިސަރަކާއި, ޓެމިލްނާޑުއަށް މަނާއެއްޗެހި ވައްދާތޯ ބަލައި މޮނިޓާ ކުރަން އޮންނަ ކޮމިޓީގެ 10 މެންބަރަކު މިހާރު ވަނީ ހައްޔަރު ކޮށް ތަހުގީގު ފަށާފައެވެ.
ވަގަށް އެތެރެ ކުރާ ރަލާއި އަދި ރަލާއި މެތަނޯލް އެއްކޮށް އިތުރަށް ބާރުގަދަ ކޮށްގެން ވިއްކާ ރާ ބޮއެގެން އިންޑިއާގައި ކޮންމެ އަހަރަކު އެތައް ބަޔަކު މަރުވެއެވެ. މެތަނޯލް އަކީ އެ ބޭނުން ކުރުމުން, ލޯ އަނދިރިވެ ލިވަރު ހަލާކުވެ އަދި ފުރާނަވެސް ގެއްލޭވަރުގެ ނުރައްކާތެރި އެއްޗެކެވެ.
މިހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 12,000 އެމެރިކާ ޑޮލަރު އަދި ހޮސްޕިޓަލުގައި ތިބި މީހުނަށް އިންޑިއާ ރުޕީސްގެ 50,000 ދިނުމަށް ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ވަނީ ނިންމަވާފައެވެ.
އަދި އެ ނުބައި ޖަރީމާ ހިންގި މީހުންނާއި ބައިވެރިވާ މީހުން ހިފާ ހައްޔަރު ކޮށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވެސް ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.