އިޒްރޭލުން އިސްވެ އީރާނަށް ހަމަލާ ދިނުން ކުށްވެރި ކޮށް ދުނިޔޭގެ އެކިއެކި ގައުމުތަކުންނާއި ޖަމާއަތްތަކުން އަޑުއުފުލާއިރު އިންޑިއާއިން އެކަމާ ދެކޮޅު ހަދައިފިއެވެ.

އިޒްރޭލުން ހަމަލާ ދިން މައްސަލަ ކުށްވެރި ކުރުމަށް އދ ގައި ނެގި ވޯޓުގައި ވެސް އިންޑިއާ އިން ބައިވެރިއެއް ނުވެއެވެ.

އޭގެ ފަހުން ޗައިނާ އަދި ރަޝިއާވެސް ހިމެނޭ ޝަންގްހައި ކޯޕަރޭޝަން އޯގަނައިޒޭޝަން (ސީއެސްއޯ) އިން އެ ހަމަލާ ކުށްވެރި ކުރި އިރުވެސް އިންޑިއާއިން އެކަމުގައި ބައިވެރިއެއް ނުވެއެވެ.

ދުނިޔޭގެ އެކިއެކި ލީޑަރުން ގޮވާލައްވަމުން ގެންދަވަނީ ދެފަހަރާތުންވެސް ހަމަލާތައް ހުއްޓާލައި ސަރަހައްދީ ހަމަޖެހުން ނަގާނުލުމަށެވެ.

އިޒްރޭލުން އީރާނަށް ހަމަލާ ދެނީ، އީރާނަކީ އިޒްރޭލުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އީރާނަށް ނިއުކްލިއާ ހަތިޔާރެއް ލިބުނަ ދުނިދުމަށް ކަމަށް ބުނި ނަމަވެސް އެމެރިކާގެ ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންހޫ ބުނެފައި ވަނީ، އެންމެ ބޮޑު އަމާޒަކީ އީރާނުގެ ވެރިކަން ފުރޮޅާލުން ކަމަށް ވެދާނެ ކަމަށެވެ. އޭނާ މިވާހަކަ ދައްކާފައި ވާ އިރު، އީރާނުގެ ލީޑާޝިޕްގެ އިސް ޖެނެރަލުންނާއި މުހިންމު ސައިންޓިސްޓުންތަކެއް އިޒްރޭލުން ވަނީ އަވަހާރަ ކޮށްލާފައެވެ. އަދި ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލުމަށް ވެސް އިޒްރޭލުން މަޝްވަރާ ކުރި ކަމަށާއި އެކަމާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެއްދެވި ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކާއި ބަނދަރުތަކާއި ތެޔޮވަޅުތަކަށް ހަމަލާދީ ބޮޑެތި ގެއްލުތަކެއް ދީފައި ވާއިރު، އެ ހަމަލާތައް ކުށްވެރި ކުރުމުގައި އިންޑިއާ ފަސްޖެހެނީ ކީއްވެތޯ މުރާސިލުން ސުވާލު އުފައްދައެވެ. އެފަރާތްތަކުން ކުރާ ސުވާލުތަކުގެ ތެރޭގައި އެކަމުގައި އިންޑިއާ ހިމާޔަތް ކުރަންޖެހޭ މަސްލަހަތަކީ ކޮބައިތޯ އާއި އިޒްރޭލަށް އިންޑިއާއިން މަދަދުދެނީތޯ އަހައެވެ.

ސީއެސްއޯއަކީ ޔޫރަޕާއި ޖީ7 ގެ ގައުމުތައް ފަދައިން އާސިއާންއަށް ހާއްސަކޮށް އުފަން ކުރި ސަރަހައްދީ ބާރެކެވެ. އެބާރުގައި މިހާރު ޗައިނާ، ބެލަރޫސް، އިންޑިއާ، އީރާން، ކަރަކިސްތާން، ކިރިގިސްތާން، ޕާކިސްތާން، ރަޝިއާ، ތަޖިކިސްތާން އަދި އުޒުބަކިސްތާން ހިމެނެއެވެ.

ޗައިނާއިން މިދައުރުގެ ޗެއާ ބަލަހައްޓާ މި ބާރުގެ ބައްދަލުވުމެއް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިރު، ފާސްކުރި ގަރާރުގައި ހަމަލާތައް ކުށްވެރި ކޮށް އިޒްރޭލު ކުށްވެރި ކޮށްފައި ވެއެވެ. ނަމަވެސް އިންޑިއާ އެކަމުން ތަނާޒުލް ވިއެވެ.

އިންޑިއާ އަކީ، އީރާނާވެސް ގުޅުން އޮންނަ ގައުމެކެވެ. އިންޑިއާއިން ހިންގާ އީތާނުގެ ޗައްބާރު ތެޔޮ ބަނދަރެއް މިހާރުވެސް އީރާނުގައި އޮވެއެވެ. އަދި ވިޔާފާރީގެ ގިނަ މުއާމަލާތްތައް އީރާނާއެކު ކުރެއެވެ. ނަމަވެސް އިޒްރޭލަކީ އިންޑިއާއިން ހަތިޔާރު ވިޔަފާރި ކުރާ އެންމެ ބޮޑު ބައިވެރިއާއެވެ. އެގޮތުން ނިމިދިޔަ 2024 ގައި ވެސް އިންޑިއާގެ ކުންފުނިތަކުން ވަނީ ހަތިޔާރު ވިއްކުމުގައި މާލީ ބޮޑެތި މުއާމަލާތްތައް އިޒްރޭލާއެކު ހިންގާފައެވެ. ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ބޭނުން ކުރާ ރޮކެޓާއި، ގޮވާތަކެތި އިންޑިއާގެ ކުންފުނިތަކުން ވިއްކާފައި ވެއެވެ.

އިންޑިއާއިން ބުނާގޮތުގައި، އިޒްރޭލާއި އީރާނުގެ ހަނގުރާމައިގައި އިންޑިއާއިން ހިފަހައްޓާ ހަމައަކީ ވަކިފަރާތަކަށް ނުޖެހުމުގެ ހަމައެވެ. އެ ދެ ބައިވެރިންނާއެކު ވެސް ގާތް ގުޅުންތައް އޮތުމުގެ ސަބަބުންނާއި ވިޔަފާރީގެ މަސްލަހަތުތައް އޮތުމުގެ ސަބަބުން ހަމަހަމަ ސިޔާސަތެއް ގެންގުޅެނީ ކަމަށް ބުނެއެވެ.

އިންޑިއާ އަށް އިޒްރޭލު މުހިންމުވާ ފަދައިން އަފްގާނިސްތާނާއި މެދުރުތެރޭ އޭޝިއާއަށް އިންޑިއާގެ ފިޔަފާރި ފުޅާ ކުރުމަށް އީރާނަކީވެސް އިންޑިއާއަށް މުހިންމު ބައިވެރިއެކެވެ.