އެއާ އިންޑިއާގެ އޭއައި 171 ފްލައިޓް ވެއްޓުނު ހާދިސާގައި އެ ފްލައިޓުން ދަތުރު ކުރި ފަސިންޖަރަކު ސަލާމަތްވެފައިވާ ކަމަށް އިންޑިއާ ފުލުހުން ބުނެފިއެވެ.

އިންޑިއާ ފުލުހުން ބުނީ ގޮތުގައި، ލަންޑަނަށް ދަތުރު ކުރި އެއާ އިންޑިއާގެ މަތިންދާ ބޯޓު އަހްމަދުއާބާދު އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކައިރީގައި ހުރި ޑޮކްޓަރުންގެ ހޮސްޓެލްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފަސިންޖަރަކު ސަލާމަތްވެފައިވާ ކަމަށެވެ. 242 މީހުން ދަތުރު ކުރި އެ ފްލައިޓުން ސަލާމަތްވި ފަސިންޖަރަކީ 11އޭ ސީޓްގައި އިން ފަސިންޖަރު ކަމަށް ފުލުހުން ބުނެއެވެ.

މިހާތަނަށް އެ ފްލައިޓުގައި ތިބި މީހުންގެ ތެރެއިން ސަލަމތްވެފައި ވަނީ އެކަކެވެ. ގިނަ އަދަދެއްގެ މީހުން ދެނެނުގަނެވޭވަރަށް ވަނީ ޒަހަމްވެ ފިހިފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ މަތިންދާ ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ އިތުރުން އެ ބޯތު ވެއްޓުނު ސަރަހައްދުގައި ތިބި ބައެއް މީހުންވެސް މަރުވެފައި ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވީ އެކްސިޑެންޓުގައި އެކަކު ސަލާމަތްވެފައިވާ ކަމަށާއި ހޮސްޕިޓަލުގައި މި މީހާއާ ބައްދަލުވި ކަމަށެވެ. މި ހާދިސާގައި ސަލާމަތްވި މީހާއަކީ ވިޝްވާޝްކުމާރު ރަމޭޝް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި ސަލާމަތްވީ އެންމެ ފަސިންޖަރެއް ކަމަށް ބުނާ އިރު، އެއާ އިންޑިއާއިން ބުނީ މި ހާދިސާގައި ސަލާމަތްވި އިތުރު މީހަކު ނެތް ކަމަށާއި މަރުވި މީހުންގެ އަދަދު 240 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިންމަތީގައި ތިބި ބައެއް މީހުން ވެސް ހިމެނޭ ކަމަށެވެ.

242 ފަސިންޖަރުންނާއެކު ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އެއާ އިންޑިއާގެ ބޮއިންގް 787 މަރުކާގެ މި ބޯޓު ވެއްޓުނީ 600 ފޫޓަށް މައްޗަށް އެރިތަނާ ކަޅު ދުންގަނޑެއް އެރުމަށްފަހު ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެ ބޯޓު ވެއްޓުނުއިރު، 230 ފަސިންޖަރުންނާއި ދެ ޕައިލެޓުގެ އިތުރުން 10 ކެބިން ކްރޫއިން ބޯޓުގައި ތިބި ކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނުގެ ޑިރެކްޓެރޭޓު ޖެނެރަލްއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓު ކޮށްފައިވެ އެވެ. މި ބޯޓު ވެއްޓެން ދިމާވި ސަބަބު އަދި ސާފުވެފައި ނުވެއެވެ.