ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓް އޭއައި 171 ގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތާމަފާޅު ކުރައްވައިފިއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވަނީ މިއީ ވަރަށް ހިތްދަތި ވަގުތެއް ކަމަށް ސިފަ ކުރައްވާފައެވެ. އަދި މި ދަތި ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުން އިންޑިއާގެ ސަރުކާރާއި ރައްޔިތުންނާއެކު އެއްބައިވަންތަކަމާއެކު ތިބޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

242 ފަސިންޖަރުންނާއެކު ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އެއާ އިންޑިއާގެ ބޮއިންގް 787 މަރުކާގެ މި ބޯޓު ވެއްޓުނީ 600 ފޫޓަށް މައްޗަށް އެރިތަނާ ކަޅު ދުންގަނޑެއް އެރުމަށްފަހު ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެ ބޯޓު ވެއްޓުނުއިރު، 230 ފަސިންޖަރުންނާއި ދެ ޕައިލެޓުގެ އިތުރުން 10 ކެބިން ކްރޫއިން ބޯޓުގައި ތިބި ކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނުގެ ޑިރެކްޓެރޭޓު ޖެނެރަލްއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓު ކޮށްފައިވެ އެވެ. މި ބޯޓު ވެއްޓެން ދިމާވި ސަބަބު އަދި ސާފުވެފައިނުވާއިރު ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވިކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ވެއްޓިފައިވަނީ އެއާޕޯޓާއި ކައިރިއަށް އާއްމުން ދިރިއުޅޭ ސަރަހައްދަކަށެވެ. އަދި ބޯޓު ވެއްޓުމާއި އެކު ކަޅު ދުން އަރާ މަންޒަރު ފެނެއެވެ. ބޯޓު ވެއްޓުމާ ގުޅިގެން އެމަޖެންސީ ހިދުމަތްދެ އިދާރާތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.