"އުފާވެރި އަމާން ދަތުރަކަށް އެދެން ހާޕްރީތް ބެޓާ" މިދިޔަ ބުރާސްފަތި ދުވަހު އާއިލާގެ ވަޓްސްއަޕް ގުރޫޕް ފުރާލީ އިންޑިއާއިން، ލަންޑަނަށް ދިއުމަށް ތައްޔާރުވަމުން ދިޔަ ހާޕްރީތަށް، އާއިލާގެ މެންބަރުން ފޮނުވަމުން ދިޔަ މެސެޖުތަކުންނެވެ.
ފިރިމީހާއަށް ސަޕްރައިޒެއް ދިނުމަށްޓަކައި ހާޕްރިތު، ލަންޑަނަށް ދިއުމަށް ތައްޔާރުވަމުން ދިޔަ އިރު ފިރިމީހާ އާއި ބައްދަލުވާތީ އޭނާ ހުރީ އުފަލުންނެވެ. އޭރު އެއްވެސް މީހަކަށް މިއީ ހާޕްރީތްގެ އެންމެ ފަހު ދަތުރުކަމެއް ނޭގެއެވެ. އަމާން ދަތުރަކަށް އެދި އޭނާއަށް ހެޔޮ ދުއާކުރި އެއްވެސް މީހަކަށް އެއީ ކިހާ ބިރުވެރި ދުވަހެއްކަން އަންދާޒާވެސް ކޮށްނުލެވެއެވެ.
ލަންޑަނުގައި ސޮފްޓްވެއާ އިންޖިނިއަރެއްގެ މަސައްކަތް ކުރާ ފިރިމީހާ ރޮބީ ކައިރިއަށް ދިއުމަށް އެންމެ ފުރަތަމަ ހާޕްރީތު ޓިކެޓް ބުކް ކުރީ ޖޫން 19 އަށެވެ. އެކަމަކު ރޮބީގެ އުފަންދުވަސްކަމުގައި ވާ ޖޫން މަހުގެ 16 ވަނަ ދުވަހު އޭނާ ކައިރީގައި ހުންނަން ހާޕްރީތު ބޭނުންވިއެވެ. އެހެންކަމުން އޭނާގެ ޓިކެޓް ޖޫން 12 ވަނަ ދުވަހަށް ބަދަލުކޮށްލީ ފިރިމީހާއަށް ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައެވެ.
2020 ވަނަ އަހަރު ކައިވެނި ކުރި ހާޕްރީތް އާއި ރޮބީ އުފާވެރި ދިރިއުޅުމަކަށް ގިނަ މަސައްކަތްތެކެއް ކުރިއެވެ. ވަޒީފާގެ ގޮތުން ދެމީހުން ދެ ބައްރުގައި އުޅެން ޖެހުނުނަމަވެސް ދެމަފިރިން ގަވާއިދުން ވީޑިއޯ ކޯލް ކުރުމާއި، ފަރުވާތެރިކަމާއެކު، ރޭވިފައިވާ އިންތިޒާމެއްގެ ދަށުން ބައްދަލުވުންތައް ބޭއްވުމުގެ ނަތީޖާއެއްގެ ގޮތުން އެދެމީހުންގެ ގުޅުން ވަރަށް ވަރުގަދައެވެ. ދެމީހުން އެކުގައި ދިރިއުޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އައި އިރު 2026 ވަނަ އަހަރު ލަންޑަނަށް ދިރިއުޅުން ބަދަލުކޮށްލަން ހާޕްރީތުވެސް ދިޔައީ މަސައްކަތްކުރަމުންނެވެ.
ބެންގަލޫރުގައި އައިޓީ ވަޒީފާ އަދާކުރަމުން ދިޔަ ހާޕްރީތު ލަންޑަނަށް ދިއުމުގެ ކުރިން އޭނާގެ ބައްޕަ ކައިރިއަށް ދިއުމަށް ބޭނުންވިއެވެ. އެހެންކަމުން އަހްމަދުއާބާދުގައި ހުންނަ އޭނާގެ ގެއަށް ދަތުރުކޮށް، ހިތުގެ އޮޕަރޭޝަނެއްކޮށް ފަރުވާ ހޯދަމުން ދިޔަ ބައްޕަ ކައިރީ ހާޕްރީތު މަޑުކުރީ އާއިލާއާއި އެކު ދުވަސްކޮޅެއް ހޭދަކޮށްލުމަށެވެ. އާއިލާއާއި އެކު އުޅުމަށްފަހު ބަންގަލޫރު މަގުން ލަންޑަނަށް ދިއުމުގެ ބަދަލުގައި ހާޕްރީތު އިހްތިޔާރުކުރީ އަހްމަދުއާބާދުން ލަންޑަނަށް ދިއުމަށެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ސަރުދާރު ވަލަބްބައި އިންޓަނޭޝަނަލް އެއާޕޯޓުން ބޮއިންގް 787 ޑްރީމްލައިނާ އުދުއްސާލިއިރު ހާޕްރީތު އިށީނީ 22އީ ގައެވެ. އިންޑިއާގެ އަހުމަދުއާބާދު އެއާޕޯޓުން ލަންޑަނަށް ދާން ނައްޓާލިތާ މިނެޓެއްގެ ތެރޭގައި ހާޕްރިތު ދަތުރުކުރި ބޯޓު ވެއްޓުނީ، އެއްވެސް މީހަކަށް ސަލާމަތްވާނެ ފުރުސަތެއްވެސް ނުލިބިއެވެ. އެ ހާދިސާގައި މަރުވި ހާޕްރީތުގެ ކުއްލި މަރާއެކު އެ އާއިލާއާއި އޭނާގެ ފިރިމީހާއަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. ހާޕްރީތުގެ މަރާއެކު އެއާއިލާއަށް ބޮޑު ހިތާމައެއް ލިބިފައިވާއިރު މިއީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ހާދިސާއެއްކަމެއް އޭނާގެ ގާތް ފަރާތްތަކުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އިންޑިއާގެ 169 މީހަކާއި އިނގިރޭސި ރައްޔިތުންގެ ގޮތުގައި ހިމެނޭ 53 މީހަކާއި ޕޯޗްގަލް އަށް ނިސްބަތްވާ 7 މީހަކާއި ކެނެޑާއަށް ނިސްބަތްވާ އެކަކު ވަނީ މަރުވެފައެވެ.