އިންޑިއާ އިން ހަމަޖައްސައިދީފައިވާ 400 މިލިއަން ޑޮލަރުގެ ކަަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވުމަކީ ލިބުނު އުފަލެއްކަމުގައި އިންޑިއާއިން ބުނެފިއެވެ.
ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން 'ސީސީ' ގައި ދަމަހައްޓާފައިވާއިރު، ފިޗުން ބުނީ މިފަދައިން ނިންމީ ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަމާއި، ފައިސާއާ ގުޅޭ އިސްލާހުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވުމުގެ އިތުރުން އިންޑިއާގެ ރިޒާވް ބޭންކާއި އެމްއެމްއޭ އާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ.
މިކަމާ ގުޅުވާ އެކްސްގައި ކުރި ޕޯސްޓެއްގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ ރާއްޖެއަށް ދިމާވެފައި އޮތް ބޭރުގެ ފައިސާގެ ދަތިކަމަށް، ކަރަންސީ ސްވޮޕްގެ ސަބަބުން ލުޔެއް ލިބުމަކީ އިންޑިއާއަށްވެސް ލިބުނު ހިންހަމަޖެހުމެއް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ފިޗުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށް ކޮށްފައެވެ. އަދި އޭގެ ދެ މަސް ފަހުން، ޑިފޯލްޓް ރިސްކް ބޮޑު ކަމަށް ބަލާ "ސީސީ" އަށް ވަނީ ދަށް ކޮށްފައެވެ.
ފިޗުގެ ކޮމެންޓްރީގައި ބުނެފައިވާ ގޮތުން މި އަހަރު ތެރޭ ރާއްޖެއިން 688 މިލިއަން ޑޮލަރު ދަރަންޏަށް ދައްކަން ޖެހޭއިރު، އޭގެ ތެރެއިން އަހަރުގެ ފުރަތަމަ 6 މަސް ތެރޭ 356 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީ އިން ވަނީ މި އަހަރުގެ ޖޫން 10 ގެ ނިޔަލަށް ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް 9.4 އިންސައްތަ އިތުރުވެފައިވާކަމަށާއި، މިއީ 2025 ވަނަ އަހަރަށް ފިޗުން ލަފާކުރާ ޖީޑީޕީގެ ކުރިއެރުން ކަމުގައިވާ 4.8 އިންސައްތައަށް ބާރުއަޅާ ކަމެއް ކަމަށް ބުނެފައެވެ. އަދި މި އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ފެށުމާއެކު، ސަރުކާރުން 2026 ވަނަ އަހަރު ޖީޑީޕީގެ ކުރިއެރުން 6.0 އިންސައްތައަށް އަރާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގެ ދަށުން ޖީޑީޕީއާ އަޅާބަލާއިރު ދައުލަތުގެ ދަރަނި ދަށަށް ދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށާއި، ބޭރު ފައިސާއާ ގުޅޭ ގާނޫނުގެ ދަށުން ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލާޒިމުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވާކަން މި ރޭޓިން އިން ހާމަވެފައިވާކަމަށެވެ.