އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފޭނެއްގެ ގޮތުގައި ކުރިން އުޅުނު އުމުރުން 29 އަހަރުގެ ޒުވާން ދްރޫވް ރާތީ އަކީ މިއަދު އާދައިގެ މޫނެއް ނޫނެވެ.

ގިރުވާން ނެތް ރަތް ކުލައިގެ ޓީޝާޓެއްގައި އާދައިގެ ބެކްޑްރޮޕެއްގައި ދްރޫވް ހިންގާ ޔޫޓިއުބު ޗެނަލް އިން މަގުބޫލުކަން އޭނާ ހޯދީ ކުރާ މައިގަނޑު އެންމެ ސުވާލަކާއެކުގައެވެ. އެ ސުވާލަކީ "އިންޑިއާ ޑިކްޓޭޓާޝިޕަކަށް ބަދަލުވަނީތަ؟" އޭ އަހާ ކުރާ ސުވާލެވެ.

ދްރޫވް ބުނަނީ މޫނުމައްޗަށް ފެންނަން އޮންނަނީ އިންޑިއާ އަކީ ޑިމޮކްރަސީއެއް ކަމަށެވެ. އެމީހަކު ބޭނުންވާ ސިޔާސީ ޕާޓީއަކަށް ވެސް ވަދެވިދާނެ ކަމަށާއި ވޯޓުލާނެ މީހާވެސް އިހުތިޔާރު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ހަގީގަތް އޮތީ އެއާ މުޅިން ތަފާތު ކޮށް ކަމަށާއި ކޮރަޕްޝަނާއި ފަސާދަ އަދި މިނިވަން މުވައްސަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ފަދަ ކިތަންމެ ކަމެއް ފާހަގަ ކުރެއެވެ.

މޯދީގެ ސަރުކާރުން މީޑިއާ ތަކަށާއި އިދިކޮޅު ފަރާތްތަކަށް ނުފޫޒު ފޯރުވާ ފިއްތުންތަން ކުރިމަތި ކުރުވާކަން އޭނާ ސާބިތު ކޮށްދިނީ 29 މިނެޓުގެ ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި އިންފޯގްރެފިކްސް ހިމަނާ އެނިމޭޝަންތަކާއެކު ހާލަތު ކިޔައިދެމުން ގޮސްފައި ވެއެވެ. އަދި އިންޑިއާގެ ތެރޭގައި ހިނގާފައި ހުރި ކިތަންމެ ހާދިސާތަކެއް ތިލަ ކޮށް މިސާލު ދައްކާ އެ ހާދިސާތަކުގެ ވާހަކަތައް މީޑިއާތަކުން ގެއްލުވާލާފައި ވާ ގޮތްތައް ވެސް ކިޔައިދީފައި ވެއެވެ.

https://youtu.be/Y9253_M38Xk

ސޯޝަލްމީޑިއާގައި މޯދީގެ ޕާޓީއަށް ސަޕޯޓު ހޯދުމަށް 5 މިލިއަން ޗެނަލް ހިންގާއިރު އެ ޕްލެޓްފޯމްތަކުގައި 400 މިލިއަނަށް ވިރެ ގިނަ ޔޫޒާސް ތިބިކަމަށް ބުނެއެވެ. އިންޑިއާގައި މިހާރު ކުރިއަށް ދާ ވޯޓުގައި ޖުމްލަ 970 މިލިއަން މީހުންނަށް ވޯޓު ލެވެއެވެ.

އިންޑިއާގައި ވަޓްސްއެޕަކީ އެމްނެ ގިނަ ބަޔަކު ބޭނުން ކުރާ އެޕް ނަމަވެސް ޔޫޓިއުބްގައި ވެސް 460 މިލިއަނެއްހާ ޔޫޒާސް އުޅެއެވެ. އެހެން ކަމުން އިންޑިއާގެ އިދިކޮޅު ލީޑަރުން ހިންގާ ކެމްޕެއިންތަކުގައި މެސެޖް ފޯރާ އޯޑިއަންސަށް ވުރެ މާބޮޑު އޯޑިއަންސަކަށް ޔޫޓިއުބުގެ މެސެޖް ފޯރައެވެ.

ދްރޫވް ކުރަނީ އެކަމެވެ. އޭނާގެ ފޭން ބޭސްގައި 20 މިލިއަން މީހުން ތިބި އިރު އިންޑިއާގެ އިދިކޮޅު ލިޑަރު ރާހޫލް ގާނދީގެ ފޮލޯވަރުންގެ ގޮތުގައި ޔޫޓިއުބުގައި ތިބީ 6 މިލިއަން މީހުންނެވެ.

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފޮލޯވަރުންގެ ގޮތުގައި ޔޫޓިއުބުގައި 23 މިލިއަން މީހުން ތިބި އިރު ޒުވާން ދުރޫވު އެދަނީ މޯދީ އާ އަރާ ހަމަކުރަމުންނެވެ.

މޯދީ އާއި އިންޑިއާގެ ސަރުކާރަށް ފާޑުކިޔުމުގައި ދްރޫވް ހޯދާފައި ވާ މަގުބޫލު ކަމާއެކު އިދިކޮޅު ލީޑަރުންގެ ތެރެއިން ބައެއް މީހުން މިހާރު ގެންދަނި ދްރޫވްގެ ބައެއް ވީޑިއޯތައް އެ ލީޑަރުންގެ ތާއީދު އޮންނަ ބައެއް ސިޓީތަކުގައި އާންމު ކެމްޕެއިންތަކުގައި ބޭނުން ކުރަމުންނެވެ.

"އަހަރެމެން ސުނާމީއެއް ގެންނާނަން, އިންޑިއާގެ މުޅި އައިޓީ ސެލް ތެރޭގައި މެސެޖްތައް ފްލަޑް ކޮށްލާލަން"
ދްރޫވް

މީގެ 10 ވަރަކަށް އަހަރު ކުރިން ދްރޫވް ހައިސްކޫލް ނިންމި އިރު އޭނާ އަކީ މޯދީގެ ފޭން އެކެވެ. މޯދީ ގައުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ބުނެ އޭރު އޭނާ ވާހަކަ ދައްކާފައި ވެއެވެ. ހައިސްކޫލް ނިންމާ މެޑިސިންގެ ދާއިރާއިން ކިޔަވަން ދްރޫވް ޖަރުމަނަށް ދިޔަ ހިސާބަކީ އޭނާ ޔޫޓިއުބް ޗެނަލް ފަށާ މަޑުމަޑުން ސިޔާސީ ވާހަކަތަކާ ދިމާއަށް މިސްރާބު ޖެހުމުގެ ފެށުމެވެ.

އޭނާ އަށް މޯދީގެ ސަރުކާރު ކަމު ނުދާން ފެށި ހިސާބަކީ އޭނާ ފަދަ އެތައް ޒުވާނަކަށް ކުރިއަށް ދިޔުމުގެ ފުރުސަތުތައް ހަނިވެ އިންޑިއާގެ ވަޒީފާގެ ބާޒާރުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމާއި އިޖުތިމާއީ އެތައް މައްސަލަތަކެއް ހައްލު ނުވެ ބޮއްސުންލައިގެން ދިޔުމެވެ.

ދްރޫވްގެ މެސެޖްތައް ސާފުވެފައި އާންމު ރައްޔިތުންނަށް ގަބޫލު ކުރަން ފަސޭހަ ވުމަކީ އޭނާގެ ފޭން ބޭސް އެހާ ބޮޑުވެގެން ދިޔަ ސަބަބެކެވެ. އޭނާގެ އަމާޒަކީ މުޅިންވެސް ދާހިލީ މައްސަލަތައް ކަމުން އެއީ ވެރިކަން ކުރާ ބީޖޭޕީގެ ބައެއް މެންބަރުންނަށް ވެސް ބަލައިގަންނަން ފަސޭހަވި ސަބަބެއް މެއެވެ.

އަމިއްލަ އަށް ރިސާޗް ކޮށް, ޝޫޓް ކޮށް, އެޑިޓް ކޮށް އާންމު ކުރާ ވީޑިއޯތަކަށް އާންމުންގެ ސަމާލުކަން ހުއްޓިގެން ގޮސްފައި ވާ އިރު އިންޑިއާގެ މަޝްރަހު ދިސާރާ ކުރާ ފަރާތްތަކުން ބުނަނީ, ހިނގަމުން މިދާ އިންތިހާބުގައި އިދިކޮޅު ލީޑަރުންގެ ފަރާތުން ކުރިމަތި ނުވާ ވަރުގެ ބޮޑު ގޮންޖެހުމެއް ދްރޫވް ގެ ފަރާތުން މޯދީ އަށް ކުރިމަތިވެވަޑައިގެންފައި ވާ ކަމަށެވެ.