އީރާނުގެ ރައީސް ޑރ. ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ހަމަޖައްސަވައިފިއެވެ.

ރައީސީ އަވަހާރަވީ، އީރާނާއި އަޒަރުބައިޖާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހެދި ޑޭމެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނާއި އީރާނުގެ ޚާރިޖީ ވަޒީރު ހޮސައިން އަމްރު އަބްދުﷲ ހިޔާނާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުﷲ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރެއްވި ހެލިކޮޕްޓަރު އިއްޔެގެ ވަގުތެއްގައި ވެއްޓި ހިނގި ހާދިސާގައެވެ.

މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، އެ ހެލިކޮޕްޓަރު ވެއްޓުނީ މޫސުން ގޯސްވެ ބޯ ދުންފިންޏާ ހުރެ ދުރު ފެންނަ މިންވަރު ނުސާފުވުމުން އިތުރަށް ދަތުރު ނުކުރެވިގެން އީރާނުގެ ހުޅަނގު އުތުރު ބިތުގައި އޮންނަ އުޒީ ވިލެޖާ ހިސާބުން ވަރްޒަގާނަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

ރައީސީ އަވަހާރަވިކަމަށް އީރާނުގެ ބައެއް ނޫސް އޭޖެންސީތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތައުޒިޔާ މެސެޖުގައި ވިދާޅުވީ އީރާނުގެ ރައީސް ރައީސީ އާއި އެ ގައުމުގެ ޚާރިޖީ ވަޒީރު އަބްދުﷲ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި، އެ ހާދިސާގައި އަވަހާރަވި ބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުމަށް އެދި ދުއާކުރައްވާ ކަމަށެވެ.

ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ވަނީ މާދަމާ އިން ފެށިގެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ހަމަޖައްސަވައިފައެވެ.