ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަކީ އެންމެންގެ ޝާމިލުވުން އޮތް ތަނެއްކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ގާނޫނު ހަދާ މަޖިލީހުގެ ދުވަހާއި ގުޅިގެން 'އެކްސް' ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ގައުމެއްގައި ޑިމޮކްރަސީ ދަމަހައްޓައި، ހެޔޮ ވެރިކަމެއް ކުރިއެރުވުމުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު ކަމަށެވެ. ގާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުންގެ ދައުރު ކުޑަވުމަކީ ގައުމީ ގޮތުންވެސް އަދި ބައިނަލްއަގުވާމީ ގޮތުންވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ މައްސަލައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މަޖިލީހުގައި އަންހެނުންގެ ދައުރު ކުޑަނަމަވެސް މިންތީގެ ހަމަހަމަކަން ގާއިމުވެފައިވާ އަދި އެންމެން ޝާމިލުވާ މާހައުލެއް ގާއިމުވެފައިވާ މަޖިލީހެއް އޮތްކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ގާނޫނު ހަދާ މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރާ، ހަރުދަނާ އުސޫލުތަކެއް ހިފަހައްޓާ ތަނަކަށް ހަދަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ޕީއެންސީއަށް ލިބިފައިވާއިރު، އިދިކޮޅު އެމްޑީޕީން ހުށަހަޅާ މައްސަލަތަކަށް އަލިއަޅުވާލާ، ހަމަހަމަ ފުރުސަތު ތަކެއް ހޯދާ ދިނުމަށް މަސައްކަތްކުރަމުންދާކަމަށް މީގެ ކުރިން ޕީއެންސީ މެންބަރުންވެސް ވަނީ ފާހަގަކޮށްފައެވެ.