ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ހާއްސަ ވަފުދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސްގެ އޮފީހުގައެވެ. މި ވަފުދުގައި ތުރުކީ-ދިވެހިރާއްޖެ އިންޓާޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އިންޓާޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕަށް މަރުހަބާ ދަންނަވައި، ދިވެހިރާއްޖޭގެ ސަރުކާރު އެކި އިދާރާތަކާ ގުޅިގެން މަސައްކަތްކުރެއްވުމަށް ދައުވަތު ދެއްވާފައެވެ. މީގެ އިތުރުން، އިންޓާޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގައި ގިނަ ޕާޓީތައް ތަމްސީލުވާތީ އެކަމާ އުފާފުޅު ކުރައްވާކަން ހާމަކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސް ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ.
މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި ތުރުކީވިލާތުން ގެންގުޅޭ ސިޔާސަތަށް ދިވެހިރާއްޖެއިން ތައުރީފުކުރައްވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އަދި މި މައްސަލައިގައި ދިވެހިރާއްޖެއިން ވެސް އެފަދަ ހަރުދަނާ ސިޔާސަތެއް ގެންގުޅޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ގައުމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތަފްސީލަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، އިގުތިސާދީ އިސްލާހީ މަސައްކަތްތަކާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް ހިންގާ ޕްރޮގްރާމްތަކާ އަދި އިއާދަކުރަނިވި ހަކަތައަށް ކުރެވޭ އިންވެސްޓްމަންޓާބެހޭ މައުލޫމާތު އެމަނިކުފާނު ވަނީ ވަފުދާ ހިއްސާ ކުރައްވާފައެވެ.
ތުރުކީވިލާތުގެ ވަފުދުގެ ވާހަކަތަކުގައި، މަތީ ތައުލީމާއި، ފަތުރުވެރިކަމާއި، އަދި ދަނޑުވެރިކަމުގެ ދާއިރާފަދަ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އިގްތިސާދީ ގުޅުންތައް ހަރުދަނާކޮށް، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއަކީ އުހުއްވަތްތެރި، މުސްލިމް ގައުމަކަށްވުމާއެކު ރާއްޖެއާއެކު ގާތްގުޅުންތައް ބޭއްވުމާއި ރާއްޖެއާއެކު މަސައްކަތް ކުރުމަކީ ފަހުރެއްކަމުގައި ދެކެވަޑައިގަންނަވާކަން ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ދުވަސްވީ ރަޙްމަތްތެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.